ވަރލްޑް ކަޕް ކޮލިފައިންގ ރައުންޑް ވަންގައި އަންނަ ބްރާސްފަތި ދުވަހުގެ ހަވީރު ގަލޮޅު ދަނޑުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗަށް ތައްޔާރުވުމަށް ރާއްޖޭ ގައުމީ ފުޓްބޯޅަ ޓީމު ފަރިތަކުރުންތައް ރޭ ފަށައިފިއެވެ.

ގައުމީ ޓީމުން ފަރިތަކުރުންތައް ރޭ ކުރިޔަށް ގެންދިޔައީ ގަލޮޅު ރަސްމީ ދަނޑުގައެވެ. ކޮލިފިކޭޝަން ގްރޫޕް ސްޓޭޖަށް ރާއްޖެއަށް ކޮލިފައިވެވެން އޮތީ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެންޖެހޭ ދެމެޗުން ކުރި ހޯދައިގެންނެވެ. ދެވަނަ ލެގް ބަންގްލަދޭޝްގައި ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

ބަންގްލަދޭޝް އާއި ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތަށް ބަލާއިރު، މިފަހުން ރާއްޖޭގެ މައްޗަށް ބަންގްލަދޭޝް ގައުމީ ޓީމުން ވަނީ 2 މެޗެއްގައި ކުރި ހޯދާފައެވެ. އެއީ އެންމެފަހުގެ ސާފް ޗެމްޕިއަންޝިޕް ގްރޫޕް ސްޓޭޖުގައި 3-1 އިން އަދި މީގެ 3 އަހަރެއްހައި ދުވަސް ކުރިން ލަންކާގައި އެގައުމުން ބޭއްވި މުބާރާތެއްގައި 2-1 އިންނެވެ.

ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު ރާއްޖެއަށް އޮތް އުއްމީދަކީ އޭއެފްސީ ކަޕުގައި މީގެ ދެހަފްތާއެއްހައި ދުވަސް ކުރިން ބަންގްލަދޭޝްގެ ވަރުގަދަ ބަޝަންދުރަ ކިންގްސް އަތުން ރާއްޖޭގެ މާޒިޔާ 3-1 އިން މޮޅުވުމެވެ. ބަޝަންދުރަ ކިންގްސްގައި ބަންގްލަދޭޝް ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭއިރު، މާޒިޔާގައި މުޅިން ކަހަލަ ގޮތަކަށް ތިބީ ރާއްޖޭ ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންނެވެ.