ވިލިމާލެ ފަޅުގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ވިލިމާލެ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ އަލިފާން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ "ބަސްމަލާ" ނަމަކަށް ކިޔާ މި ގޭގައި އަލިފާން ރޯވި ކަމުގެ މަޢުލޫމާތު ފަތިހު 05:12 ހާއިރު އެމްއެންޑީއެފް ވިލިމާލެ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، ވިލިމާލެ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.

އޭސީ މަރާމާތުކުރުމުގެ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ގުދަންކޮށް، ވޯކްޝޮޕެއްގޮތަށް ހަދާފައިވާ މި ދެ ކޮޓަރީގައި ރޯވި އަލިފާން ފަޔަރފައިޓަރުން ކުރި މަސައްކަތުން ނިއްވާލެވިފައި ވަނީ ފަތިހު 05:55 ހާއިރުއެވެ.

އެ ދެ ކޮޓަރީގައި ހުރި ބައެއް ތަކެއްޗަށާއި ފާހާނާއަކަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. އެހެންނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.