އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ތ. ގުރައިދޫއަށްކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ވަގުތު ޓީވީން ގެނެސްދިން ޚާއްޞަ އިންޓަރވިއުއެއްގައެވެ.

އިންތިހާބީ ރައީސް ވިދާޅުވީ، އެމަނިކުފާނު ކެމްޕެއިންގައި ވަޑައިގެންނެވި ހުރިހާ ރަށަކުންވެސް ވީހާވެސް އަވަހަށް ވަޑައިގަތުމަށް އެދެމުން ދާކަމަށެވެ. އެހެންކަމުން ޕާޓީގެ ލީޑާރޝިޕާ މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ރަށަށް ވަޑައިަގަތުމަށްކަމަށާއި، އެންމެ ފުރަތަމަ ވަޑައިގަންނަވަނީ ތ.ގުރައިދޫއަށްކަމަށެވެ.

މިދިޔަ މަހުގެ 30ގައި ބޭއްވި ރިޔާސީ އިންތިޙަބުގެ ދެވަނަ ބުރުގައި ތ. ގުރައިދޫގައި ބެހެއްޓި ދެ ވޯޓު ފޮށިންވެސް ވަނީ ވަރަށް މަތީ އިންސައްތައެއް ލިބިވަޑައިގެންފައެވެ. އެއްފޮށއިން 75.6 އިންސައްތަ ވޯޓު ލިބިވަޑައިގެންނެވިއިރު ދެވަނަ ވޯޓު ފޮށިން 72.4 އިންސައްތަ ލިބިވަޑައިގެންނެވިއެވެ.

ގުރައިދޫއަކީ އަބަދުވެސް ޕީޕީއެމަށް ވަރަށް ބޮޑު ތާޢިދެއް އޮންނަ ރަށެކެވެ.