ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ބޭނުންވާ ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ބޭއްވޭ ގޮތެއް ނުވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ކޯރަމް ހަމަނުވާތީ ނިންމާލީ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ކޯރަމް ހަމަނުވާތީ ޖަލްސާ ނިންމާލައްވަނީ ކަމަށާއި ދެން ޖަލްސާއެއް އޮންނާނެ ތާރީހެއް ފަހުން އިއުލާނުކުރައްވާނެ ކަމަށް ވިދާޅުވުމާއެކުގައެވެ.

09:00 ގައި ފަށަން ތާވަލުކުރި މިއަދުގެ ޖަލްސާ ނިންމާލީ 09:06 ގައެވެ.

ޖަލްސާ މިއަދު ނިންމާލާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕުން ރޭގައި ވަނީ ހުށަހަޅާފައެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ 48 މެންބަރުންގެ ސޮޔާއިއެކީގައެވެ.