ޕްލާސްޓިކް މަދުކުރުމަށް މިދިޔަ އެޕްރީލް މަހު ނަގަން ފެށި ކޮތަޅުފީ، 2ރ. އިން 50 ލާރިއަށް ކުޑަ ކުރުމަށް ހޯރަފުށި ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ސަލީމް އެ ގާނޫނަށް އިސްލާހު މިއަދު ހުށަހަޅުއްވައިފި އެވެ.
ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ރާޝިދު ހުށަހެޅުއްވި ބިލަށް ވާހަކަދައްކަވަމުން ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ޕްލާސްޓީކު ކޮތަޅުން ނަގާ ފީ ބޮޑު ކުރުމުން އެކަމުގެ ތަކުލީފް ރައްޔިތުންނަށް މާ ބޮޑު ކަމަށެވެ. ކޮތަޅުން ނަގާ ފީތަކަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށީ ތަކެތީގެ އަގު ބޮޑުވެފައިވަނިކޮށް ކަމަށާއި އެހެންކަމުން އެކަމުން ގެއްލުން ވަމުންދިޔައީ އާންމު ރައްޔިތުންނަށް ކަމަށެވެ.
ސަލީމް ހުށަހެޅުއްވީ ރޯމަސް އުފުލުމަށާއި ކުނިވާ ޒާތުގެ ތަކެތި އުކާލުމަށް ބޭނުންކުރަން ގަނޑުކޮށް ކޮތަޅު ގަތުމަކީ ފީ ނެގުމުން އިސްތިސްނާ ހާލަތެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. އަދި ރީޓެއިލް ފިހާރަތަކާއި ސައިހޮޓާތަކަށް އިދާރީ ގޮތުން ބުރަ ނުވާ ގޮތަކަށް ފީ ނެގުމުގެ ނިޒާމު ބަދަލުކުރުމަށް ސަލީމް ހުށަހެޅުއްވި އެވެ.
މީގެ އިތުރަށް ސަލީމް ހުށަހެޅުއްވީ ޕްލާސްޓީކު ކޮތަޅުން މިހާރު ނަގާ ދެ ރުފިޔާގެ ބަދަލުގައި 50 ލާރި އަށް އަގު ކުޑަކުރުމަށެވެ.
މިއަދުގެ ޖަލްސާގައި އެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިޔައިރު، މަޖިލީހުގެ އެންވަޔަަރަމެންޓް ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ ސަލީމް ވަނީ، އެ ގާނޫނުގެ ދަށުން އުފެދުނު މައްސަލަތަކާއި އެކަންކަން ހައްލުކުރުމަށް ގޮތްތަކެއް ހުށަހަޅުއްވާފަ އެވެ.