ޣައްޒާގެ އާންމުން ދިރިއުޅޭ ތަންތަނަށް ބޮމުގެ ވާރޭ އޮއްސުމަށްފަހު އިޒްރޭލަށް ހަމަޖެހިގެން ނޯވެވޭނެ ކަމަށާއި، އިޒްރޭލުގެ އަޝްކެލޮން ސަރަހައްދުގައި ދިރިއުޅޭ ޔަހޫދީން ސަލާމަތްވާން ބޭނުންވާނަމަ އެސަރަހައްދު ދޫކޮށް ދިޔުމަށް ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިންޒާރު ދީފިއެވެ.

އެޝްކެލޮންއަކީ ޣައްޒާއާ އެންމެ 13 ކިލޯ މީޓަރު ދުރުގައި، އެމެރިކާގެ އެހީތެރިކަމާއެކު އިޒްރޭލުން ހިފާފައިވާ ސަރަހައްދެކެވެ.

އަލްޖަޒީރާއިން ޚަބަރު ފަތުރާ ގޮތުގައި އަޝްކެލޮން ސަރަހައްދަށް ހަތިޔާރާއެކު ހަމާސް ޖަމާއަތުގެ ކޮމާންޑޯއިން މިހާރު ވަނީ ވަދެފައެވެ.

ހަމާސް ޖަމާއަތުގެ އިންޒާރާ ގުޅިގެން އަޝްކެލޮން ސަރަހައްދުން ނުރައްކަލުގެ ރަނގަބީލުގެ އަޑު ނުކެނޑި އިވެމުންދާ ކަމަށް އަލްޖަޒީރާއިން ބުނެއެވެ.

ސަހްޔޫނީ ދައުލަތް އިޒްރޭލުން ވަނީ ޣައްޒާއަށް ވަދެވެން އޮންނަ ހުރިހާ ދޮރު ބަންދުކޮށް، ފެނާއި ކަރަންޓް އަދި އިންސާނީ އެހީ ޣައްޒާއަށް ވެދުންވެސް މަނާ ކޮށްފައެވެ. އެއައަށްފަހު ޔަހޫދީ ހައްދުފަހަނައެޅި ސިފައިން ގެންދަނީ ތަނެއް ދޮރެއް ބެލުމެއް ނެތި ޣައްޒާއަށް ވައިގެ މަގުން ބޮމުގެ ވާރޭ އޮއްސަމުންނެވެ. މިހަމަލާތަކުގައި ތުއްތު ކުދިންނާއި މުސްކުޅިންނާއި އަންހެނުން ދަނީ ގިނަ އަދަދަކަށް މަރުވަމުންނެވެ.

ހަމާސް ޖަމާއަތުން ނެރެފައިވާ ބަޔާނުގައި ބުނީ ސަހްޔޫނީ ދައުލަތުން ޣައްޒާގެ އާންމުންނަށް ދެމުން އަންނަ ހަމަލާތަކުގެ ބަދަލު ނުހިފައި ދޫކޮށްނުލާނެ ކަމަށެވެ.