ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި ބައިވެރިވެ އެމެރިކާއިން އެކަމުގެ ތެރެއަށް ވަދެފިނަމަ އިޒްރޭލަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާ ދޭނެ ކަމުގެ އިންޒާރު ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ދީފިއެވެ.

ރޮއިޓަސްއަށް ދެއްވި ބަސްދީގަތުމެއްގައި ހޫތީންގެ ލީޑަރު އަބްދުލް މާލިކް އަލް ހޫތީ ވިދާޅުވީ އެމެރިކާއިން ޣައްޒާއަށް ހަމަލާދީފިނަމަ "ރަތް ރޮނގު" އެމެރިކާއިން ހުރަސް ކުރީ ކަމަށާއި އެކަމަށް ރައްދު ދޭނީ އިޒްރޭލަށް މިސައިލާއި ޑްރޯން އަދި އަސްކަރީ އެހެނިހެން ވަސީލަތްތައް ބޭނުން ކޮށްގެން ކަމަށެވެ.

ހޫތީންގެ އިންޒާރު އެެމެރިކާއަށް ކުރިމަތިކޮށްފައި މިވަނީ، ފަލަސްތީނުގެ ހަމާސް ޖަމާއަތަށް އެހީތެރި ނުވުމަށް ބުނެ އެމެރިކާއިން އިރާނަށް އިންޒާރުދިންތާ އެއްދުވަސް ފަހުންނެވެ. ޔަމަނުގެ ހޫތީ ޖަމާއަތަކީ އިރާނުގެ މަދަދު ލިބޭ ޖަމާއަތަކެވެ.

އަސްކަރީ ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި އިޒްރޭލާ ދެކޮޅަށް ފަލަސްތީނުގެ މުޖާހިދުން ދެމުން އަންނަ ހަމަލާތަކުގައި އިރާނުގެ ދައުރު ބޮޑެވެ. އެކަމަކު އިރާނުން މިކަމަށް އެއްބަހެއް ނުވެއެވެ.