މިދިޔަ ސެޕްޓެމްބަރު މަހު އާމްދަނީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މީރާއިން އިއްޔެ އާންމުކުރި "މަންތްލީ ރެވެނިއު ކަލެކްޝަން ސެޕްޓެމްބާ 2023" އެ އަދަދަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅައި ބަލާއިރު، 15.8 ޕަސަންޓު ދަށް އަދަދެކެވެ. ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއާ އަޅައި ބަލާއިރު، މިއީ 19.4 ޕަސަންޓުގެ ދަށްވުމެއް ކަމަށް މީރާއިން ބުންޏެވެ.

މިދިޔަ މަހު މީރާއަށް އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޖީއެސްޓީންނެވެ.

އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު 523.05 މިލިއަން ރުފިޔާ މީރާއަށް ވަނީ ލިބިފައެވެ. އަދި ޓޫރިޒަމް ލޭންޑް ރެންޓުން 232.29 މިލިއަން ރުފިޔާ ލިބިފައިވާ އިރު، އިންކަމް ޓެކްސް ގޮތުގައި ލިބުނީ 136.80 މިލިއަން ރުފިޔާއެވެ.

އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި 71.19 މިލިއަން ރުފިޔާ ލިބުނު އިރު، ޑިޕާޗާ ޓެކުހުގެ ގޮތުގައި 67.73 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާއިން ބުންޏެވެ. އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 152.42 މިލިއަން ރުފިޔާ ލިބުނު ކަމަށް މީރާއިން ވަނީ ހާމަކޮށްފައެވެ.

މިދިޔަ މަހު ބޭރު ފައިސާގެ ގޮތުގައި ލިބިފައިވަނީ 49.62 މިލިއަން އެމެރިކާ ޑޮލަރު ކަމަށް މީރާއިން ވަނީ ބުނެފައެވެ.