ފަލަސްތީނު ރައްޔިތުންނާއެކު ދިވެހިން ތިބިކަން އަންގައިދޭން މާދަމާ ހަވީރު މުޅި ރާއްޖޭގައި ހަރަކާތެއް ބާއްވަން ތައްޔާރުވާން ފަށައިފިއެވެ.

އިޒުރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލުމަށް، ހުކުރު ދުވަހު ހަވީރު މާލެ އާއި ރަށްރަށުގައި ވެސް އެކި ހަރަކާތްތައް ބޭއްވުމަށް ވަނީ ނިންމައިފައެވެ. ހަމާސް އިން އިޒްރޭލަށް މިދިޔަ ހޮނިހިރު ދުވަހު ދިން ކުއްލި ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ނުރައްކާ ވެފައެވެ. ބަދަލުގައި އިޒުރޭލުން ދަނީ ފަލަސްތީނުގެ ޣައްޒާއަށް ވައިގެން ބާރުގަގަ ހަމަލާތަކެއްދީ އާންމުންގެ ގިބަޔަކު ޝަހީދު ކުރަމުންނެވެ.

މާދަމާގެ ހަރަކާތުގައި ފަލަސްތީނާއެކު ދިވެހިން ތިބިކަން ދައްކައި ދިނުމަށް ބާއްވާ ސައިކަލު ބުރެއް އޮންނާނެއެވެ. އެ ހަރަކާތް އޮންނާނީ މާދަމާ ހަވީރު 16:00 ޖަހާއިރު ރަސްފަންނު ސަރަހައްދުގައެވެ. މާލޭގެ އިތުރުން ރާއްޖޭގެ ބޮޑު ދެ ސިޓީ ކަމަށްވާ ފުވައްމުލަކު އަދި އައްޑޫ ގައި ވެސް މާދަމާ ހަވީރު ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައެވެ.

"ގަދަކޮށް ފަލަސްތީނާ އެއްކޮށް" ގެ ނަމުގައި ފުވައްމުލަކުގައި ވެހިކަލް ބުރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހުގެ ހަވީރު 16:15 ގައި ފުވައްމުލަކު ބަނދަރު ސަރަހައްދުގައެވެ. ފަލަސްތީނު މިނިވަން ކުރުމަށް ގޮވާލާ ރެލީއެއް އައްޑޫ ސިޓީގައި އޮންނާނެއެވެ. އެ ރެލީ ފަށަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ކައިރިން ހަވީރު 16:00 ޖަހާއިރުއެވެ.