ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވި އިބްރާހިމް މުއާޒް އަލީ (މުއާ) ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ.

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އޭނާ ވާދަކުރައްވަނީ ހުޅުމާލެ މެދު ދާއިރާއަށެވެ. މިކަން ހާމަކުރައްވައި މުއާ އެކްސްގައި ކުރައްވައިފައިވާ ޕޯސްޓެއްގައި ވިދާޅުވީ، ދާއިރާގެ ގިނަ ރައްޔިތުންނާއި ހާއްސަކޮށް ޒުވާނުންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެދިލެއްވުމުގެ މަތީން ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގައި ހުޅުމާލެ-މެދު ދާއިރާ (T.16) އަށް ވާދަ ކުރައްވަން ނިންމަވައިފައިވާ ކަމަށެވެ.

މުއާޒުގެ ކެމްޕޭން ސްލޯގަންއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ''ޓީމް ތަރުޖަމާނު'' އެވެ.

މުއާޒު ޕީޕީއެމްގައި ހުންނެވުމަށްފަހު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެމްޓީޑީގައި ވެސް މަސައްކަތް ކުރެއްވިއެވެ. އޭގެ ފަހުން ދެން އޭނާ ގުޅިވަޑައިގެންނެވީ އެމްޑީޕީއާއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު މުއާޒު އެމްޑީޕީއާއި ގުޅިވަޑައިގެން، ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ކަންކަން ހިނގާފައިވާ ގޮތަށް ފާޑުވިދާޅުވަމުން ގެންދެވިއެވެ.