ސިނަމާލެ ބްރިޖު މަތީގައި ބާރަށް ދުއްވާ އުޅަނދުތަކަށާއި ގަވާއިދާ ހިލާފަށް ލޭން ބަދަލުކުރާ އުޅަނދުތަކުގެ ވެރިފަރާތަށް ނަސޭހަތުގެ މެސެޖެއް ފޮނުވުމަށް ފުލުހުން ނިންމައިފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހުއްދަކުރެވިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތަކާއި ނުގަވައިދުން ލޭން ބަދަލުކުރާ އުޅަނދުތައް ދެނެގަނެ، އެ އުޅަނދުތައް ރެޖިސްޓްރީ ކޮށްފައިވާ ފަރާތުގެ ފޯނު ނަމްބަރަށް ނަސޭހަތުގެ މެސެޖެއް ފޮނުވަން ނިންމާފައިވާ ކަމަށެވެ.

ބަޔާނުގައި ބުނީ އެގޮތަށް އަމަލުކުރަން ފަށާނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި އެ މެސެޖުގައި އެ އުޅަނދެއް ދުއްވި ބާރުމިން އެނގެން ހުންނާނެ ކަމަށެވެ. އަދި އެ މެސެޖުތަކުގައި އެއްވެސް ލިންކެއް ނުހިމެނޭނެ ކަމަށް ބުންޏެވެ.

އޭގެ އިތުރުން ފުލުހުން ބުނީ، އުޅަނދު ދުއްވާ ބާރުމިނާއި ލޭން ބަދަލުކުރާކަން ދެނެގަންނަނީ ބްރިޖުގައި ހަރުކޮށްފައިވާ ސްޕީޑު ބަލާ ކެމެރާތަކުން ކަމަށެވެ.

ފުލުހުން ބުނީ އެއީ މަގުމަތީގެ ރައްކާތެރިކަަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ކުރެވޭ ކަމެއް ކަމަށެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރަށް ނުދުއްވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.