ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ބިމުން ފެށިގެން ވަކި ހިސާބަކަށް މައްޗަށް އަރާނަމަ ހޯއްގޮވަން ޖެހުނު ޒަމާނެއް ދިޔައެވެ. އެ ދުވަސްވަރު ފެންވަރައި ފާހާނާކޮށް ހަދާ ގިފިލި ހުންނަނީ އުޑު ފެންނަ ގޮތަށެވެ.

ގިފިއްޔޭ މި ކިޔަނީ ހަތަރު ފާރު، ހަ ފޫޓެއްހާ މައްޗަށް (އުސްކޮށް) ރާނާފައި މަތި ހިޔާނުކޮށް ހުންނަ ތަންތަނަށެވެ. އެ ގިފިލި ތަކުގައި ހުންނާނީ ނިކަން ރީތިކޮށް ސިމެންތި ޖަހައިގެން ހަދާފައި ހުންނަ ވަޅެވެ. މި ވަޅުން ފެންވަރައި ފެން ނެގުމަށް އޮންނާނީ ދާންޏެކެވެ. ވަޅުގެ ފެންގަނޑާ ހަމައަށް ފޯރާވަރުގެ ދިގު ދަނޑިއެއްލާފައި އޮންނަ އެފަދަ ކުދި ދާނި ތަކާއި ބޮޑެތި ދާނިތައް ބައެއް ގިފިލިތަކުގައި ހުންނާނެއެވެ. ފެންވަރަން ހުންނަ ތަން ތަޅުން އަޅައި ސިމެންތި ޖަހައި ފެންދާނޭ ވަޅުގަނޑެއްވެސް އެފަދަ ގިފިލިތަކުގައި ހަދާފައި ހުރެއެވެ.

އެ ޒަމާނުގައި ފެންވަރަން ހުންނައިރު އުޑު ފެނުނަސް ގަސްގަހާ ގެއްސާއި ފުރާޅުތައް ފެނުނަސް ޖެހިލުމެއް ނުވެއެވެ. އަދި މަތިންދާ ބޯޓެއް އުދުހިފައި ދިޔަސް އެކަމާ ކަންބޮޑުވާ މީހަކު ނޫޅެއެވެ. އެފަދަ ދުވަސް ވަރެއްގައި ސަރުކާރުން އިޢުލާނު ކޮށްފައިވަނީ ވަކި ހިސާބަކަށްވުރެ މައްޗަށް އަރާނަމަ ހޯއް ގޮވަން ޖެހޭނެ ކަމަށެވެ.

އެ ދުވަސްވަރު މާލޭގައިވެސް ނިކަން ގަސްތައް ގިނައެވެ. ކޮންމެ ގެއެއްގައިވެސް ދެ ތިން އަނބުގަހާއި ޖަނބުރޯލު ގަސްތައް ވެސް ހުރެއެވެ. ބޮޑެތި ގޯތި ތަކުގައި ބަނބުކޭލާއި ދިގު ދިވެހި ރުއް ވެސް ހުރެއެވެ.

އެ ޒަމާނުގައި ހިނގި އެއް ހާދިސާ އަކީ މާލޭގެ މަތީ ފަންތީގެ ގެއެއްގެ ކަނބަލަކު ގިފިއްޔަށް ވަދެ ހަށިގަނޑަށް ލުއި ކުރަމުން ލުއި ކުރަމުންގޮސް ފެން އަޅާލީމާ ގައިގައި ފެންތައް ބީހިލާ ވަރަށް ގަޔަށް ލުއި ކުރުމަށްފަހު ވަޅު ކައިރިއަށް ހިނގައްޖެއެވެ.

ތަޅުންގަނޑު މައްޗަށް އަރާ ފުރަތަމަ ދާނީގެ ފެން ބޮލަން އަޅާލިތަނާ ފެނުނީ ޖެހިގެން ހުރި ގޭ އަނބުގަހުގެ ގޮފިތައް ހެލޭތަނެވެ. އަނބުގަހާ ދިމާއަށް ނަޒަރު ހިންގާލިއިރު ކަމަކު ދާކަށްނެތެވެ. އެގޭގައި ދިރި އުޅޭ ދެބައި އުމުރުގެ ފިރިހެނަކު މި އޮތީ އަނބު ގަހުގައެވެ. ދެނަކާ ދެނެން ނެތެވެ. ފުރަގަހަށް އެނބުރި އަޅާ އިތިކޮށް ދުއްވައިގަތެވެ. އަސްކަނި ދަށުގައި ދަމާފައި އޮތް ރޯނުގައި އަޅުވާފައި އޮތް ތުވާއްޔެއް މުޅިގައިގައި އޮޅާލުމަށްފަހު ބޭލި ހެދުން އަތުން ހިފައިގެން ގިފިއްޔާ އިންވެގެން ހުރި ދޮރު ހުޅުވައި އަވަސް އަވަހަށް އެތަނުން އެތެރެއަށް ވަދެ ނިވައި ވެއްޖެއެވެ.

މި ހިނގި ކަމެއް ތުންތުން މަތިން ދެކެވި ސަރުކާރުގެ ކަމާބެހޭ އިދާރާގެ ވެރިންގެ ކަންފަތާ ހަމައަށް ހިނގައްޖެއެވެ. އެހެން ކަމުން މި އަނބު ގަހަށް އަރާއޮތް މީހާ ފަނޑިޔާރު ކުރިމައްޗަށް ހާޒިރު ކުރެވިއްޖެއެވެ. އެއަށްފަހު ފަނޑިޔާރު ސުވާލު ކުރެއްވިއެވެ. ހޯއް ނުގޮވާ ގަހަށް އެރީ ކީއްވެހެއްޔެވެ؟ ޖަވާބުގައި އޭނާ ބުންޏެވެ. އަޅުގަނޑު ހޯއް ގޮވީމެވެ. މިއަދު މި އެރީ އަޅުގަނޑު ކުރީ ދުވަހު ގޮވި ހޯއްގެ މައްޗަށެވެ. މިފަދަ ޒިންމާދާރު ކުޑަ ޖަވާބެއް ދިނުމުން ކަމާބެހޭ ފަރާތުން އޭނާއަށް އަދަބުވެސް ދީނެވެ.