ޕީޕީއެމް / ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ހަމަޖައްސައިފިއެވެ.

އެކަން އިއުލާން ކުރެއްވީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އާދަމް ޝަރީފް ވިދާޅުވީ ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމަށް ފަޒުލް ހޮވިވަޑައިގަންނަވާފައިވާ ކަމަށާއި އަދި ފަޒުލްއަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބު، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުއިއްޒު ކާމިޔާބު ކުރެއްވުމަށްފަހު ޕީއެންސީގެ މަގާމުތަކަށް ބަދަލުތައް ގެންނަމުން އަންނައިރު، އެ ފާޓީގެ ރައީސްގެ މަގާމަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު ވަނީ ހަމަޖައްސައިފައެވެ. އަދި ނައިބު ރައީސްގެ މަގާމަށް އިންތިހާބީ ނައިބު ރައީސް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ވަނީ ހަމަޖައްސައިފައެވެ.