ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މަގާމުން ރިޓަޔަރކުރައްވަން ނިންމަވައިފިއެވެ. ހަމީދު ރިޓަޔަރކުރައްވަން ނިންމެވިކަން ހާމަކުރައްވީ ފުލުހުންގެ އިސްވެރިން ތިއްބެވި ސޯޝަލް މީޑިއާ ގްރޫޕަކަށް ފޮނުއްވެވި މެސެޖެއްގައެވެ.
އެމަނިކުފާނު ރިޓަޔަރކުރައްވަން ނިންމަވާ ފޮނުއްވެވި މެސެޖުގައި ވަނީ، ދެވަނަ ފަހަރަށް ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގެން އެ ހިދުމަތުގެ ތަރައްގީއަށް ކުރެއްވި ކަންކަން ފާހަގަކުރެއްވިއެވެ. އަދި އެ މަސައްކަތުގައި ފުލުހުންގެ އިސްވެރިންނާއި ހުރިހާ ފުލުހުންގެ ފަރާތުން ލިބިވަޑައިގެންނެވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރުއަދާކުރައްވާފައިވެއެވެ.
މީގެ އިތުރުން މަހެއްހާ ދުވަހުގެ ތެރޭގައި މަގާމުން ރިޓަޔަރ ކުރެއްވުމަށް ނިންމަވާފައިވާކަމަށްވެސް ވިދާޅުވިއެވެ. އަދި ރިޓަޔަރކުރައްވާނެކަމަށް ބެލެވެނީ އަންނަ ނޮވެމްބަރު މަހުގެ 11ވަނަ ދުވަހުކަމަށްވެސް ހަމީދު ވިދާޅުވެފައިވެއެވެ.
ހަމީދު ވަނީ ޕްރޮފެޝަނަލް މިންގަނޑުން އަމަލުކުރައްވާ ބޭފުޅަކަށް ވާތީ، އެމަނިކުފާނާމެދު ގޯސްކޮށް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާކަން އެނގިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. އަދި ފުލުހުންގެ ހިދުމަތާއި ގުޅިވަޑައިގެންނެވިއިރު އެ މުއައްސަސާއޮތީ ކިލަނބުކޮށްކަމަށާ އެހެންކަމުން އެ މުއައްސަސާގެ ސަފުތައް އަލުން ބަދަހިކޮށް ކުރިމަގަށްޓަކައި ބޮޑެތި ކަންކަން ކުރެއްވިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ފުލުހުންގެ ޗީފް ސްޕްރިންޓެންޑެންޓެއްގެ ހައިސިއްޔަތުން ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔާގެ ގޮތުގައި ހުންނަވަނިކޮށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ވަނީ އޯގަސްޓް 2012ގައި މަގާމުން ވަކިކުރެއްވިއެވެ. އެ މަގާމުން ހަމީދު ވަކިކުރެއްވީ ފުލުހުންގެ ސިއްރު ލިޔެކިޔުންތަކެއް ހާމަކުރުމުގެ ތުހުމަތުގައެވެ.
އެމައްސަލާގައި ހަމީދު ކޯޓަށް ވަޑައިގަތެވެ. އަދި ސިވިލް ކޯޓާއި ސުޕްރީމް ކޯޓުގައި މައްސަލަ ކާމިޔާބުކުރެއްވިއެވެ. ނަމަވެސް ހައިކޯޓުންވެސް އޭރު ހުކުމް ކުރީ ހަމީދު ވަޒީފާ އިން ވަކިކުރީ ރަނގަޅަށް ކަމަށެވެ.
ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރު އައިސް، 2018 ޑިސެމްބަރު 2 ގައި ސުޕްރީމް ކޯޓުން ހުކުމްކުރީ ހަމީދު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ނޫންކަމަށާއި، އޭނާއަށް ވަޒީފާ އަލުން ދިނުމަށެވެ. މިއާއެކު 2018 ޑިސެމްބަރު 4ގައި އަލުން އޭނާ ފުލުހުންގެ އިންޓެލިޖެންސް ވެރިޔަކަށް އައްޔަންކުރެއްވިއެވެ.
އެގޮތުން އެމަހުގެ 12 ވަނަ ދުވަހު އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ހަމީދު އައްޔަންކުރެއްވިއެވެ. އަދި އޭގެ ފަހުން ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެއްވީ އަހަރެއްހާ ދުވަސް ފަހުން މާރިޗް 2019ގައެވެ.
ހަމީދު ފުލުހުންގެ ހިދުމަތާއި ގުޅިވަޑައިގަތީ އުމުރުފުޅުން 17 އަހަރުގައެވެ.