ހޮޓެލް ޖެން ހުންނަ ސަރަހައްދު މިއަދުގެ ވަގުތެއްގައި ހިނގާ މީހުންނާއި ވެހިކަލްތަކަށް ނުވަދެވޭގޮތަށް ބަންދުކުރުމަށް ހަމަޖެހިފައިވާކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެ ސަރަޙައްދު ބަންދުކުރުމަށް ހަމަޖެހިފައިވަނީ މިއަދުގެ ހަވީރު 18:00 އިން 23:00 ކަމަށެވެ.
ފުލުހުން މިއަދު އެކްސްގައި އާންމުކުރި ފޮޓޯއެއްގައި ހިނގާމީހުންނާއި އެއްގަމު އުޅަނދުފަހަރަށް ބަންދުކުރެވޭ ސަރަހައްދަކަށް ފާހަގަކޮށްފައިވަނީ އަމީރު އަހްމަދު މަގުގެ ބަޔަކާއި، ލޮޓަސް ގޯޅީގެ އިތުރުން ހޮޓެލް ޖެންއާއި އިންވެގެން ހުރި ގޯޅިތައްކަން ފާހަގަކުރެވެއެވެ.
މި ސަރަހައްދުގެ ބައެއް މަގުތައް ޕާރކިންގ އަށް ހުސްކުރުމަށް ހަމަޖެހިފައިވާއިރު، މިތަން ބަންދުކުރަނީ ކޮން ބޭނުމަކަށްކަން ފުލުހުން ހާމަކޮށްފައިނުވެއެވެ.