'ބިންވެރިޔާ' ސްކީމުގެ ފުރަތަމަ ބުރުގައި ޝަރުތު ހަމަވެ ގޯތި ނުލިބޭ މީހުންނަށް، އެ ސްކީމްގެ ދެ ވަނަ ފިޔަވަހީގައި ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަަަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު، 'ބިންވެރިޔާ' ސްކީމްގެ ދެ ވަނަ ފިޔަވަހީގެ ދަށުން މާލެ ސަރައްހަދުން ދޫކުރާ ގޯތިތަކަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ 24 އިން މިމަހުގެ 24 އަށެވެ. ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނީ ބިންވެރިޔާ ސްކިމްގެ ފުރަތަމަ ބުރުގައި ޝަރުތު ހަމަވެ ގޯތި ނުލިބޭ މީހުންނަށް، އިތުރަށް ފޯމު ހުށަހެޅުމަކާ ނުލައި ދެ ވަނަ ބުރުގައި ގޯތި ލިބޭނެ ކަމަށެވެ.

އެ އިއުލާނުގައި ބުނެފައި ވާގޮތުގައި މިހާރު ހުޅުވާލާފައިވާ ބުރުގައި ޖޮއިންޓް އެޕްލިކޭޝަނެއްގައި ބައިވެރިވާން ބޭނުންވާނަމަ، އެ ފުރުސަތު ވެސް އޮންނާނެއެވެ. ޖޮއިންޓްއެޕްލިކޭޝަނުގައި ބައިވެރިވުމަށް ބިންވެރިޔާ ސްކީމަށް ކުރިން ހުށަހެޅި ފޯމު ބާތިިލުކޮށްދިނުމަށް އެދި [email protected] އަށް އީމެެއިލް ކުރަން ޖެހޭނެއެވެ.

ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވާން ވަގުތު ކުޑަތަންވެފައިވާއިރު، އަންނަ މަހުގެ 17ގައި އާ ސަރުކާރު ހަވާލު ވާނެތީވެ، އެ ފޯމުތައް އިވެލުއޭޓްކޮށް ދާއިމީ ލިސްޓް ނެރެ، އެ މީހުންނަށް އެ ތަންތަން ލިބުނު ކަމުގެ ލިޔުންތައް ދިނުމަށް މި ސަރުކާރަށް ބާކީ އޮންނާނީ 24 ދުވަހެވެ.

ކޮށް ނިންމުމަށް މި މުއްދަތުގައި އެ ހުރިހާ ކަމެއް ކުރެވޭނެ ކަމުގެ ޔަގީންކަމެއް އަދި މި ސަރުކާރަކުން ނުދެ އެވެ.

ފުރަަތަމަ ބުރުގައި ގޯތި ލިބުނު މީހުންގެ ގޯތި އަތުނުލާނެ ކަމުގެ ޔަގީންކަން، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެއްވާފަ އެވެ. ނަމަވެސް، 'ބިންވެރިޔާ' ސްކީމްގެ ދެ ވަނަ ފިޔަވައްސާ ގުޅޭ ގޮތުން އެ މަނިކުފާނު ވެސް މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

'ބިންވެރިޔާ' ސްކީމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ގޯތި ދިނީ ހަމައެކަނި މާލެއަށް އުފަން މީހުންނަށެވެ. ނަމަވެސް، ދެ ވަނަ ބުރުގައި، މާލޭގެ ރައްވެއްސަކަށް ނުވިޔަސް މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މީހުންނަށް ވެސް ގޯތި ލިބޭނެ އެވެ.

ފުރަތަމަ ބުރުގައި ޝަރުތު ހަމަވި މީހުންނަށް ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރު ފަޅުން ގޯތި ދިނުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެ އެވެ. އެ ބުރުގެ ދަށުން 6،500 އަށް ވުރެ ގިނަ ގޯތި ދެ އެވެ.