ވިލިނގިލީ މަސް ދޯންޏެއްކަމަށްވާ ''ހުސީނާ'' ދޯނިން ބޭނި އެއް ޓަނުގެ މަހަށް ވާ ފައިސާ ފަލަސްތީނުގައި ހަނގުރާމައިގައި ހާލުގައިޖެހިފައިވާ މުސްލިމުންނަށް ހަދިޔާކުރަން ނިންމައިފިއެވެ.

އެ ދޯނީގެ ކެޔޮޅެއް ކަމަށްވާ މުހައްމަދު ޔުޒްލީން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވްމުން ވިދާޅުވީ އެއީ އެ ދޯނިން މަހަށް ދާ ހުރިހާ މަސްވެރިންގެ ފަރާތުން ހަދިޔާ ކުރާ އެއްޗެއްކަމަށާއި އެއީ އެއީ ގާތްގަނޑަކަށް 25،000 ރުފިޔާ ކަމަށެވެ.

މީގެއިތުރުން ޔުޒްލީނު ބުނީ އެ ފައިސާ އަތަށް ލިބުނުހާ އަވަހަށް އެފަރާތުން އޭތި ހަދިޔާ ކުރާނެކަމަށެވެ. އަދި އެ ދޯނީގެ ހުރިހާ މަސްވރިންގެ ފަރާތުން ހުރިހާ މަސްވެރިން ވެސް ފަލަސްތީނަށް އެހީވުމުގެ ގޮތުން ވެދެވެން އޮތް އެހީއެއް ވެދޭންވެސް ޔުޒްލީނު ވަނީ އެދިފައެވެ.

ގައްޒާގައި މި ވަގުތު ދެމުން އަންނަ ހަމަލާތަކާ ގުޅިގެން މިހާތަނަށް ވަނީ 2،000އަށް ވުރެ ގިނަ މުސްލިމުން ޝަހީދުވެފައެވެ. އަދި އެތައް ބައެއްގެ ގެދޮރު ވެސް ވަނީ ނެތި ގޮސްފައެވެ.

ރާއްޖޭގެ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)އިން ޕަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ފަންޑެއް ހުޅުވާލައިފައިވާއިރު އެ ފަންޑަށް މިހާތަނަށް ވަނީ ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައެވެ.