ބ. ފުޅަދޫ ކައުންސިލްގެ ރައީސް އަލީ އަޒުހަރު އެމްޑީޕީ ދޫކޮށް، ޕީއެންސީއާ މިއަދު ގުޅިއްޖެއެވެ.

މީގެ ކުރިން އެމްޑީޕީގައި ހުންނެވި އަޒުހަރު މިއަދު ވަނީ ޕީއެންސީއަށް ސޮއިކޮށްފައެވެ. އެފޯމާ ހަވާލުވެލެއްވީ ޕީއެންސީގެ ރައީސް އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އަޒުހަރު ވިދާޅުވީ، ޕީއެންސީއަށް ސޮއިކުރަން ނިންމީ އާ ސަރުކާރުގެ ސިޔާސަތުތައް ގަބޫލުކުރެވި، ދާއިރާއާއި ފުޅަދޫގެ ރައްޔިތުންގެ ކުރިމަގަށްޓަކައި ކަމަށެވެ. އަދި، އުފެދޭ ސަރުކާރުގައި އެ ދާއިރާއާއި ރަށަށް މާ ބޮޑަށް ކުރިއެރުން ލިބިގެންދާނެ ކަމާމެދު ޝައްކު ނުކުރައްވައި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޕީއެންސީއާ އެކު ދާއިރާއާއި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެހެންވެ، މުއިއްޒުގެ ސަރުކާރުގައި ގިނަ އަދި ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒު މިހާރު ގެންދަވަނީ އިންތިގާލީ މަރުހަލާގެ ކަންކަން ކުރައްވަމުންނެވެ. އެގޮތުން، ސަރުކާރު އެކުލަވައިލުމާއި އަދި އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ކުރައްވަން ޖެހޭ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.

އިންތިހާބީ ރައީސް ހުވާ ކުރެއްވުން އޮންނާނީ ނޮވެމްބަރު 17ވާ ހުކުރު ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައެވެ.