ށ. މަރޮށި، އަލްމަދަރުސަތުލް މުނައްވަރާ އާއި ދ. މާއެނބޫދޫ ސްކޫލު ގްރޭޑް 9 އަދި 10 ގެ ދަރިވަރުންނަށް މައުލޫމާތުދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މި މަހު 15 ވަނަ ދުވަހު އިސްކަންދަރު ބިލްޑިންގ ގައި ކުރިއަށް ގެންދިޔަ މި ސެޝަނުގައި މައުލޫމާތުދީފައި ވަނީ ފުލުހުންގެ ފޮރެންސިކް ލެބޯޓްރީތަކާ ބެހޭ ގޮތުންކަމަށެވެ.

އެގޮތުން، ޑީއެންއޭ، އެފްޕީއެލް، ޑީސީއެލް، ޕީއީއެލް، އަދި ޑީއީއެލް ލެބުން ކުރަމުން އަންނަ ތަހުލީލުތަކާ ބެހޭ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެ ތަހުލީލުތަކުގެ ބޭނުންތައް ބުނެދީފައިވެއެވެ.

ދެ ސްކޫލުގެ ދަރިވަރުން ހިމެނޭހެން ޖުމްލަ 33 ދަރިވަރުންނާއެކު ކުރިއަށް ގެންދިޔަ މި ސެޝަނުގައި ދަރިވަރުންނަށް މައުލޫމާތުދީފައިވަނީ ފޮރެންސިކް ސަރވިސްގެ ލެބޯޓްރީތަކުގައި މަސަކަތްކުރާ ފުލުހުންނާއި ޓެކްނިކަލް މުވައްޒަފުންނެވެ.

މި ސެޝަނަކީ ފޮރެންސިކް ސަރވިސް އާއި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.

މި ދެ ސްކޫލުން ފޮރެންސިކް ސަރވިސް އަށް ކުރި މި ޒިޔާރަތަކީ ސްކޫލު ބަންދުގައި ތަޖުރިބާ ހޯދުމުގެ ގޮތުން މާލެއަށް ކުރި ޒިޔާރަތުގައި ސަރުކާރުގެ ބައެއް މުއައްސަސާތަކަށް ކުރަމުންދާ ޒިޔާރަތުގެ ތެރެއިން ކުރި ޒިޔާރަތެކެވެ