ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) އަތޮޅުތެރޭގެ އާންމު ބަހުގެ ހިދުމަތުގައި ކޮންޓެކްޓްލެސް މާސްޓަރކާޑު އަދި ވިސާ ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސަައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އަދި އެހެނިހެން ބޭންކުތަކުން ދޫކޮށްފައިވާ މާސްޓަރ ކާޑު ނުވަތަ ވިސާ ކާޑެއް ކަމުގައިވީނަމަވެސް، އެކާޑަކީ ކޮންޓެކްޓްލެސް ޑެބިޓް އަދި ކްރެޑިޓް އީއެމްވީ ކާޑެއްނަމަ، އެ ކާޑު މެދުވެރިކޮށް އާރުޓީއެލް އަތޮޅުތެރޭގެ އާއްމު ބަހުގެ ހިދުމަތުގެ ޓިކެޓް ބައްލަވައިގަނެވޭނެ ކަމަށް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ. އެމްޓީސީސީން މައުލޫމާތުދޭ ގޮތުގައި އައްޑޫ ސިޓ،ީ ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓ،ީ ހއ.ދިއްދ،ޫ ލ. ގަން، ލ. ފުނަދޫ އަދި ލ. އިސްދޫ / ކަލައިދޫގައި ދެމުންގެންދާ އާރްޓީއެލް ބަސް ހިދުމަތަށް މި ކާޑުތައް ބޭނުންކޮށްގެން ފައިސާ ދެއްކޭނެއެވެ.

އާރުޓީއެލްގެ ދަށުން އަތޮޅުތެރޭގައި ދެމުންގެންދާ ޢާއްމު ބަހުގެ ޚިދުމަތުގައި "ފިކްސްޑް ފެއަރ" ރޫޓާއި "ޑިސްޓެންސް ފެއަރ" ރޫޓު ހިމެނެއެވެ. އެގޮތުން، "ފިކްސްޑް ފެއަރ" ރޫޓުގައި މުޅި ރޫޓަށް ކަނޑައަޅާފައިވާނީ އެއް އަގެކެވެ. އެހެންކަމުން، މި ރޫޓުން ދަތުރު ކުރައްވާއިރު ކަސްޓަމަރުން ޓިކެޓް ވެލިޑޭޓަރުގައި ޓެޕް ކުރައްވަން ޖެހިވަޑައިގަންނަވާނީ ބަހަށް އަރާ ވަޑައިގަންނަވާއިރު އެކަންޏެވެ.

މި ހިދުމަތް 65 އަހަރުން މަތީގެ މީހުންނަށާއި، 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީކާޑު ދެއްކެވުމުން ހިލޭ ލިބިވަޑައިގަންނަވާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން އެންސްޕާއިން ދީފައިވާ ކާޑު ދެއްކެވުމުންވެސް ހިލޭ ދަތުރުކުރެއްވޭނެއެވެ. އޭގެއިތުރުން، ޔުނީފޯމްގައި ތިބޭ ސްކޫލް ކުދިންނާއި ކޮލެޖް/ ޔުނިވާސިޓީގައި ކިޔަވާ ދަރިވަރުންނަށް ސްޓޫޑެންޓް ކާޑު ދެއްކެވުމުން ހިލޭ ދަތުރުކުރެއްވޭނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.