އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ބ. ދަރަވަންދޫ ޕޮލިސް ޑެސްކުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ބުނީ އިއްޔެގެ ވަގުތެއްގައި ނައްތައިލާފައިވަނީ 258 ފުޅި ބަނގުރާ އަދި 119 ދަޅު ބިޔަރުކަމަށެވެ. އަދި މިތަކެއްޗަކީ މި އަހަރުގެ ޖޫން މަހުން ފެށިގެން ސެޕްޓެމްބަރ މަހުގެ ނިޔަލަށް ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނަގައި އެމްއެންޑީއެފް އިން ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.