ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ހުޅުވާލައިފައިވާ ޣައްޒާ ފަންޑަށް މިހާތަނަށް ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނެފި އެވެ.

އައިއޭސީ އިން ބުނި ގޮތުގައި ފަލަސްތީނަށް އެހީވުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލެވިފައެވެ. މި އޮކްޓޯބަރު މަހުގެ އަށް ވަނަ ދުވަހު އިމަރޖެންސީ ފަންޑު ހުޅުވުމާއެކު ފައިސާ ވަނީ ޖަމާ ކުރަން ފަށައިފައެވެ. އެ ވަގުތުން ފެށިގެން މިހާތަނަށް ހަމައެކަނި އޮންލައިންކޮށް ހަތް މިލިއަނަށްނެވުރެ ގިނަ ރުފިޔާ ވަނީ ލިބިފައި ކަމަށް އައިއޭސީން ވަނީ ބުނެފައެވެ.

އެހެނިހެން ފަންޑްރައިޒިން ހަރަކާތްތަކުން ލިބިފައިވާ ފައިސާވެސް އެބަހުރި ކަމަށާއި އެ ފަންޑު ފޮށިތަކުންނާއި އެހެން ގޮތް ގޮތުން ލިބިފައިވާ ހުރި ފައިސާ ގުނުމަށްފަހު ޖުމްލަ އަދަދު ހާމަކުރާނެ ކަމަށްވެސް އައިއޭސީން ވަނީ ބުނެފައެވެ.

ފޮޓީޯ: ހަލި/ނޫސް

ފަލަސްތީނަށް އެހީވުމަށް ހުޅުވާލާފައިވާ އައިއޭސީގެ ފަންޑު ބަންދު ކުރާނެ ދުވަހެއް އަދި ނުނިންމައެވެ.

ހައްދުފަހަނައަޅާފައިވާ ޔަހޫދީ ދައުލަތުން ޣައްޒާއަށް ދެމުން ގެންދާ ލާއިންސާނީ ހަމަލާ ތަކުގައި 700 އަށްވުރެ ގިނަ ކުޑަކުދިން ވަނީ ޝަހީދުވެފައެވެ. އެތައް ހާސް ގެދޮރެއް ވަނީ އެއްކޮށް ނެތިކޮށްލާފައެވެ. އަމިއްލަ ވަޒަން ދޫކުރުމަށް އިޒުރޭލުން ކުރި އަމުރުގެ ސަބަބުން މިލިއަނަކަށްވުރެ ގިނަ މުސްލިމުންނަށް ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ.