ހއ. ދިއްދޫ ބަނދަރު ތަރައްގީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީން މިއަދު ބުނީ މި މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައި ކަމަށެވެ.

އަދި ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ 98 އިންސައްތަ ނިމިފައި ކަމަށާއި ސައިޓުގައި މިހާރު ކުރިއަށް ދަނީ ބޭރުތޮށިލުމާއި، އެއްގަމު ތޮށި ލުމާއި ކޮންކްރީޓް ބްރިޖް ހެދުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން، 78,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 58 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 81 މީޓަރުގެ ސަރަޙައްދެއްގައި ޗެނަލްގެ ބޭރުތޮށިލުން ހިމެނެއެއެވެ. އަދި 49 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 768 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 898 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުން ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

މީގެ އިތުރުން 9,270 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް މި މަޝްރޫއުގައި ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސަރުކާރުން ހިންގާ މި މަޝްރޫއަކީ 88.3 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.