ރާއްޖޭގައި ހިންގާ އެކި ޕްރޮޖެކްޓުތަކުން އާމްދަނީ އިން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން އިސްތިސްނާ ދީފައިވާ މަޝްރޫއުތަކުގެ ލިސްޓުގައި، އިންޑިއާގެ ކުންފުނިތަކުން ހިންގާ އިތުރު ދިހަ ޕްރޮޖެކްޓުތަކެއް ފިނޭންސް މިނިސްޓްރީން ހިމަނައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ވިޔަފާރި މަޝްރޫއުތަކާއި ދާއިރާ ތަކުން ލިބޭ އާމްދަނީން ޓެކްސް ދެއްކުމުން ހާއްސަ އިސްތިސްނާ ދެވެ އެވެ. އެގޮތުގެ މަތިން ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވަނީ މި އަހަރުގެ ފެބްރުއަރީގައި ވެސް 10 ޕްރޮޖެކްޓަކުން ޓެކްސް މާފުކޮށްދީފައިވެ އެވެ.

ޓެކްސް ދައްކަން ނުޖެހޭ ޕްރޮޖެކްޓުތަކުގެ އެ ލިސްޓަށް އިތުރު 10 ޕްރޮޖެކްޓެއް ހިމަނައި، ފިނޭންސުން ވަނީ އެ ލިސްޓު ނެރެފައެވެ. އެ ލިސްޓުގައި ހިމަނާފައިވަނީ އިންޑިއާގެ ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓުތަކެވެ.

އެގޮތުން ޓެކްސް މައާފްކޮށްދިން މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ:

  • ފެލިވަރު ތަރައްގީކުރުމަށް ރިނަކް އިންޑިއާ ލިމިޓެޑާ ހަވާލުކޮށްފައިވާ މަޝްރޫއު
  • ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ ހާސް ފްލެޓް އެޅުމުގެ މަޝްރޫއުގެ ތެރެއިން "ރެނާޓަސް" އާ ހަވާލުކޮށްފައިވާ މަޝްރޫއު
  • ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ ހާސް ފްލެޓް އެޅުމުގެ މަޝްރޫއުގެ ތެރެއިން "ޖޭއެމްސީ" އާ ހަވާލުކޮށްފައިވާ މަޝްރޫއު
  • ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ ހާސް ފްލެޓް އެޅުމުގެ މަޝްރޫއުގެ ތެރެއިން "ވަރިންދެރާ ކޮންސްޓްރަކްޝަނާ" ހަވާލުކޮށްފައިވާ މަޝްރޫއު
  • ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދެ ހާސް ފްލެޓް އެޅުމުގެ މަޝްރޫއުގެ ތެރެއިން އެންބީސީސީ އާ ހަވާލުކޮށްފައިވާ މަޝްރޫއު
  • ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމަށް އެސްޓީޔޫޕީ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވާ މަޝްރޫއު
  • އައްޑޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމަށް "ވެން އޫދު އިންޑިއާ ޕްރައިވެޓް ލިމިޓެޑާ" ހަވާލުކޮށްފައިވާ މަޝްރޫއު
  • ގަން އެއާޕޯޓު ތަރައްގީކުރުމަށް "ރެނާޓަސް" އާ ހަވާލުކޮށްފައިވާ މަޝްރޫއު
  • ގަން އެއާޕޯޓު ތަރައްގީކުރުމަށް "އެސްޓީޔޫޕީ ކޮންސްޓްރަކްޝަނާ" ހަވާލުކޮށްފައިވާ މަޝްރޫއުހުވަދޫ އަތޮޅުގެ ހަ ރަށެއްގެ ފެނާއި ނަރުދަމާ ގާއިމްކުރުމަށް ޓްރިވެނީ އިންޖިނިއަރިން އާ ހަވާލުކޮށްފައިވާ މަޝްރޫއު

ޓެކްސް ދެއްކުން މައާފްކޮށްދީފައިވާ ބައެއް މަޝްރޫއުތަކުގެ ތެރޭގައި އިންޑިއާ އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ގުޅީފަޅުގެ މަޝްރޫއާއި ތިލަމާލެ ބްރިޖުގެ މަޝްރޫއު ހިމެނެއެވެ.

އެހެންކަމުން އިންޑިއާގެ ކުންފުނިތަކުން ރާއްޖޭގައި ހިންގާ ވިހި މަޝްރޫއަކުން ޓެކްސް މި ވަނީ މައާފްކޮށްދީފައެވެ.