ކުރިއަށް އޮތް ގަޑިތަކުގައި "ޕްރީއެމްޓިވް އެކްޝަންއެއް" އަތުވެދާނެކަމަށާއި އޭގެ ހިތި ނަތީޖާއަކާއި ކުރިމަލާންނުޖެހި އިޒްރޭލަށް ޣައްޒާއަށް އެއްގަމު މަގުން ހަމަލާދިނުމުގެ ފުރުސަތެއް ނުދެއްވާނެ ކަމަށް އީރާނުގެ ހާއްސަ މަންދޫބު ވިދާޅުވެއްޖެއެވެ.
“ރެސިސްޓެންސްގެ ލީޑަރުން ޒަޔަނިސްޓް ވެރިކަމަށް ޣައްޒާގައި އެއްވެސް ފިޔަވަޅެއް އެޅުމުގެ ފުރުސަތެއް ނުދޭނަން. ހުރިހާ އިޚްތިޔާރުތަކެއް ހުޅުވިފައި އޮތުމުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ޖަރީމާތަކާ މެދު ފަރުވާކުޑަނުކުރެވޭނެ" އީރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله، އިރާނުގެ ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
މިދިޔަ ހަފްތާގައި އީރާނުގެ އެންމެ އިސް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ވިދާޅުވީ އޮކްޓޯބަރު ހަތް ވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާގައި ތެހެރާންގެ ބައިވެރިވުމެއް ނެތް ކަމަށެވެ. ބަދަލުގައި ޚާމަނާއީ ވިދާޅުވީ މިހަމަލާއިން ދައްކުވައި ދިނީ އިސްރާއީލުގެ އަސްކަރީ އަދި ޖާސޫސީ ބަލިކަން ކަމަށެވެ.
އިރާނުން ބުނަނީ ޣައްޒާ ކޮންޓްރޯލްކުރާ ހަމާސްއަށް ތަމްރީންތަކާއި އަދި މާލީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. މީގެ ކުރިން ހޯމަ ދުވަހު އީރާނުގެ ރައީސް އިބްރާހިމް ރައިސީ ވަނީ ފަލަސްތީނުގައި މިނިވަން ދައުލަތެއް ޤާއިމް ކުރުމަށް ހަމާސްއިން ކުރަމުން އަންނަ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.