އައްޑޫ ސިޓީކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2020" ނުވަތަ އޭއެފްސީ ހޮނިހިރު ދުވަހު ފަށާނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ހާމަކުރައްވައިފިއެވެ.

މިއީ އައްޑޫގައި ފުޓުބޯޅަ ކުރިއަރުވައި، ފުޓުބޯޅަ ކުޅުންތެރިން އައްޑޫގައި އުފެއްދުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ.

އޭއެފްސީ 2020: ގުރުއަތު ލުމުގެ ރަސްމިއްޔާތު: ފޮޓޯ އައްޑޫ ސިޓީ ކައުންސިލް

މުބާރާތުގައި މިފަހަރު 7 ޓީމު ބައިވެރިވެއެވެ. އަންގާރަ ދުވަހުގެރޭ މިޓީމުތަކުގެ މެދުގައި ވަނީ ގުރުލުއަތުލުން ބާއްވައިފައިވެއެވެ. ގުރުއަތު ލުމުގެ މި ރަސްމީއްޔާތު އޮތީ އީކުއޭޓަރ ވިލެޖިގެ ބުލޫ ލެގޫން ގައެވެ. މި ރަސްމިއްޔާތުގައި އައްޑޫސިޓީގެ މޭޔަރ އަބްދުﷲ ސާދިޤް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިފަހަރުގެ މުބާރާތުގައި އައްޑޫގެ ހަތަރު އަވަށަކުން ވަނީ ޓީމްތައް ބައިވެރިވެފައެވެ.

އޭއެފްސީ 2020: ގުރުއަތު ލުމުގެ ރަސްމިއްޔާތުގައި މޭޔަރު: ފޮޓޯ އައްޑޫ ސިޓީ ކައުންސިލް

މުބާރާތް ކުރިއަށް ގެންދާނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އޭ ގުރޫޕުގައި ހިމެނެނީ މިފަހަރު މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާ ދެ ޓީމު ކަމަށްވާ އެފްސީ ބޭރުމަތި އަދި އެފްސީ އަފިރިން އާއީ އެފްސީ ޒެފިއަރ އާއި ފާހި ސްޕޯޓްސް އެސްސީ އެވެ. މީގެ ތެރެއިން އެފްސީ ބޭރުމަތި ޓީމަކީ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. ގްރޫޕް ބީ ގައި ހިމެނެނީ ފެދޫ ސްޕޯޓްސް އާއި މަރަދޫ އެފްސީ އަދި މެދުވަލު އެފްސީއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި 12 މެޗު ކުޅޭނެއެވެ. މުބާރާތުގެ ސެމީފައިނަލަށްދާނީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމެވެ. ފައިނަލަށް ދާނީ ސެމީން މޮޅުވާ ދެ ޓީމެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ، މިމުބާރާތަކީ ވެސް ފުރަތަމަ މުބާރާތް ފަދައިން ވާދަވެރި އަދި ފޯރިގަދަ މުބާރާތަކަށް ވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.