ފަލަސްތީނުގެ މުސްލިމުންނަށް ލިބޭ އަނިޔާތަކާ ގުޅިގެން ރައްޔިތުންނަށް އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދެއްވުން އެދި ފަރުޟު ފަސްނަމާދުގައި ގުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

މީގެ ކުރިން އިސްލާމިކް މިނިސްޓްރީން އަންގާފައިވަނީ ހަމައެކަނި އަޑު ހަރުކޮށް ކިޔާ ނަމާދުތަކުގައި ގުނޫތު ނާޒިލާ ކިޔުމަށެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ފަލަސްތީން ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި ކުރިމަތިވަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތް ކޮށްދެއްވުމަށް އެދި މިއަދު މެންދުރު ނަމާދުން ފެށިގެން މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން ފަރުޟު ފަސްނަމާދުގެ ފަހު ރަކުއަތުގައި އިއުތިދާލުގައި ގުނޫތު ނާޒިލާ ކިޔުމަށް އަންގާކަމަށެވެ.

ގުނޫތު ނާޒިލާއަކީ ބޮޑު ކާރިސާއެއް ކުރިމަތިވުމުން ނަމާދުގެ ފަހު ރަކުއަތުގައި ކިޔާ ހާއްސަ ގުނޫތެކެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލަތަކުގައި މިހާތަނަށް ފަލަސްތީނުގެ 3 ހާހަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.