ޖަޕާން ސަރުކާރުގެ އެހީގައި ޔޫއެންއޯޑީސީގެ ފަރާތުން ދިވެހި ފުލުހުންގެ ހިދުމަތަށް ޑްރަގް އަދި ޕްރިކަރސަރ ފީލްޑް ޓެސްޓް ކިޓް ހަދިޔާކޮށްފިއެވެ.

އިސްކަންދަރު ބިލްޑިންގ ގައި މިއަދު ބޭއްވި ރަސްމިޔާތުގައި، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފްއެވެ. ޖަޕާން ސަރުކާރުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީއެވެ.

މި ރަސްމިއްޔާތުގައި، ހެޑް އޮފް ކޮމިޝަނަރސް ބިއުރޯ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސަބާހް، ހެޑް އޮފް ކްރައިމް ސީން އިންވެސްޓިގޭޝަން ޑިޕާޓްމަންޓް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުސްތާޤް މުހައްމަދު، ހެޑް އޮފް އެވިޑެންސް ކޮންޓްރޯލް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ މޫސާގެ އިތުރުން ޔޫއެންއޯޑީސީ މާލޭ އޮފީހުގެ ހެޑް އެންރިކޯ ބޮނެންސީނާ ބައިވެރިވެލެއްވިއެވެ.

މީގެ އިތުރުން ފުލުހުން ބުނީ ޖަޕާން ސަރުކާރުގެ އެހީގައި ހަދިޔާކުރި ޑްރަގް އަދި ޕްރިކަރސަރ ފީލްޑް ޓެސްޓް ކިޓުތަކަކީ، މަސްތުވާތަކެތި ދެނެގަތުމަށްޓަކައި ބޭނުންވާ ރިއެޖަންޓް ޓޫލްސް ހިމެނިގެންވާ ވޯޓަރ ރެސިސްޓަންޓް ކިޓުތަކެއް ކަމަށެވެ. އަދި މިއީ ފުރަތަމަ މަރުހަލާއިން މަސްތުވާތަކެތި ދެނެގަތުމަށްޓަކައި އެހީތެރިވެދޭނެ ކިޓުތަކެއްކަމަށާއި މި ކިޓުތަކުގެ އެހީގައި، މަސްތުވާތަކެތީގެ ބާވަތްތަކާއި އެކުލެވިގެންވާ މާއްދާތައް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ދެނެގަނެވޭނެކަމަށްވެސް ފުލުހުން ބުންޏެވެ.

އެހެންކަމުން މި ޓެސްޓް ކިޓުތަކުގެ ސަބަބުން ފްރޮންޓްލައިން އޮފިސަރުންގެ މަސައްކަތްތައް ފަސޭހަވެގެންދިއުމާއި ފީލްޑް އޮފިސަރުންނަށް ކްރައިމް ސީންގައި ހުންނަ ޝައްކުކުރެވޭ ތަކެތި ފަސޭހަކަމާއެކު ދެނެގަނެވޭނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.