ކަނޑުުމަތީގައި މަރުވެފައި އޮތްވައި މިއަދު ފެނުނު މީހާއަކީ ރޭގެ ވަގުތެއްގައި ރަސްފަންނު ކައިރި މޫދަށް ފުންމާލި ކަމަށް ބެލެވޭ މީހާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެ މީހާ ގެއްލިގެން އުޅޭކަމުގެ ރިޕޯޓް، އެމްްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ، ރޭ 19:54 އެހައިކަންހާއިރުކަމަށާއި އެ ރިޕޯޓް ލިބުމާ އެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވަނީ ރެއިން ފެށިގެން ހަރަކާތްތެރިވެފައި ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެ މީހާ ހޯދުމުގެ މަސައްކަތުގެ ދަށުން ކޯސްޓުކާޑު ޑައިވަރުން ވަނީ މިއަދު ހެނދުނު ރަސްފަންނު ކައިރި ކަނޑުއަޑިން 41590 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައެވެ. އެހެންނަމަވެސް އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ، ދޫނިދޫ ކައިރިން ދަތުރުކުރި އެމްޓީސީސީގެ ފެރީގެ ފަޅުވެރިންނަށް ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމީހާގެ ހަށިގަނޑު ފެނިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 09:19 އެހައިކަންހާއިރުއެވެ. އެ ރިޕޯޓު ލިބުމާއެކު ކޯސްޓްގާޑު ސިފައިންގެ އެހީތެރިކަމާއިއެކު އެ މީހާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްފައެވެ.
އެމްއެންޑީއެފުން ބުނީ، އެމީހާ މޫދަށް ފުންމާލީކަމަށް ބެލެވޭކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފުން ހާމަކޮށްފައިނުވެއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންވެސް ބުނެފައިވަނީ ކަނޑުމަތިން މިއަދު ފެނުނު ހަށިގަނޑަކީ ރަސްފަންނާ ދިމާއިން ރޭ މޫދަށް ފުންމާލި މީހާގެ ހަށިގަނޑުކަން ފުލުހުންގެ ތަހުގީގަށް ވަނީ ކަށަވަރުވެފައި ކަމަށެވެ. އަދި އެއީ 41 އަހަރުގެ ފިރިހެނެއް ކަމަށާއި އެ މީހާގެ ހަށިގަނޑު މިހާރު ވަނީ އާއިލާއަށް ހަވާލުކޮށްފައި ކަމަށެވެ.