ގާޒާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެންމެ ވިހި ލޮރީގެ އެހީއަކީ ކަނޑަކަށް ވައްޓާލެވޭ ތިއްކެއްހާ މަދު މިންވަރެއް ކަމުގައި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސް (އައިއެފްއާރްސީ) އިން ބުނެފިއެވެ.
އައިއެފްއާރްސީގެ ތަރުޖަމާނު ބުނެފައިވަނީ ގާޒާއަށް މިވަގުތު ލިބޭ ކޮންމެ އެހީއެއް ވަރަށް މުހިންމު ކަމާއެކު ބަލައިގަންނަން ތައްޔާރު ނަމަވެސް ވިހި ލޮރީއަކީ ދެ މިލިޔަނަށްވުރެ ގިނަ ރައްޔިތުންނަށް ނުހަނު މަދު އަދަދެއް ކަމަށެވެ. އަދި ކަނޑަކަށް ވައްޓާލެވޭ ތިއްކެއްހާ ވަރުގެ މަދު މިންވަރެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.
ވިހި ލޮރީގެ އެހީ މިސްރުގެ ރަފާ ބޯޑަރު ގޭޓުން ގާޒާއަށް ވެއްދުމަށް އެއްބަސްވެވިފައިވާކަމަށާއި އެކަން އެކަން ކުރެވޭނީ ހުކުރު ދުވަހު ކަމަށް ބުނެފައިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަންއެވެ. މިސްރުން ބުނެފައިވާގޮތުގައި އެހީ ފޯރުކޮށްދިނުން ލަސްވަނީ އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި މަގު ހަލާކުވެފައި ވުމުންނެވެ.
އިޒްރޭލުންވަނީ އެ 20 ލޮރީގައި ހުންނަންޖެހޭނީ އެކަނި ބޭހާއި ކާބޯތަކެތި ފަދަ ޒަރޫރީ ތަކެތި ކަަމަށާއި އެހެން އެއްޗެއް ވައްދައިގެން ނުވާނެކަމަށް ހަރުކަށިކޮށް ބުނެފައެވެ.