ސަރުކާރުގެ ފެންކުންފުނި، އެމްޑަބްލިޔުއެސްސީގެ އާ ލޯގޯ އިފްތިތާޙްކޮށްފިއެވެ.

މިބަދަލު ގެނެސްފައިވަނީ އެކުންފުންޏަށް 25 އަހަރު ފުރުމާ ގުޅިގެން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. ލޯގޯ އިފްތިތާޙުކޮށްދެއްވާފައިވަނީ، މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމު އާއި، މެނޭޖިންގް ޑިރެކްޓަރ ހަސަން ޝާހުއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ޒަމާނަށް އައި ބަދަލުތަކާއެކު، ކުންފުނީގެ ޚިދުމަތްތައް ފުޅާވެ، އިތުރު ދާއިރާ ތަކުގައި އެމް.ޑަބްލިޔު.އެސް.ސީ އިން ފައިތިލަ ސާބިތުކޮށް ކުރިއަރައިގެން ގޮސްފައިވާ މިންވަރު ރަމްޒުކޮށްދިނުމުގެ ގޮތުން، އައު ލޯގޯގައި ވަނީ ކުރީގެ ލޯގޯގައިވާ ކުލަތަކާއި ޓައިޕޯގްރަފީ ޒަމާނީ ކުރެވިފައެވެ.

ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ފެނާއި ނަރުދަމާގެ ޚިދުމަތްތައް ފޯރުކޮށްދޭ ޔުޓިލިޓީ ކުންފުންޏެއްގެ އިތުރުން، މިއަދު އެމްޑަބްލިޔުއެސްސީ އަކީ ރާއްޖޭގެ ނިސްބަތުން ފުޅާ ދާއިރާއެއްގައި އިންޖީނިއަރިންގ، މެނުފެކްޗަރިންގ އަދި ޓްރޭޑިންގ ދާއިރާއިންވެސް ފާހަގަ ކޮށްލެވޭ ކުންފުންޏެކެވެ.