އިރާޤުގައި 1979 އިން 2003 އަށް ވެރިކަން ކުރެއްވި ސައްދާމް ހުސައިނަކީ ފަލަސްތީނު ރައްޔިތުންގެ ހިތުން ޖާގަ ދީފައިވާ ޚާއްސަ ބަތަލެކެވެ. ހާއްސަކޮށް ޢައްޒާ އާއި ހުޅަނގު އައްސޭރީގައި ދިރިއުޅެމުން އަންނަ ފަަލަސްތީނު ރައްޔިތުން މެދުގައި ސައްދާމް ހުސައިންގެ މަޤްބޫލްކަން ވަކިން ބޮޑެވެ.

ފަލަސްތީނު ރައްޔިތުން ޤަބޫލް ކުރާ ގޮތުގައި، ޒަޔަނިސްޓް އިޒްރޭލުގެ ކިބައިން ފަލަސްތީނު މިނިވަން ކުރުމަށް އިޒްރޭލާއި އެމެރިކާއާ ކުރިމަތިލި "އަރަބި އިއްޒަތްތެރި ލީޑަރަކީ" ސައްދާމް ހުސައިނެވެ. ވީމާ، ސައްދާމް ހުސައިނަށް ފަލަސްތީނުން ލިބިވަޑައިގަތީ އަރަބި އެހެން ލީޑަރުންނަށް ފަލަސްތީނުން ނުހޯއްދެވުނު ލޯތްބަކާއި ޤަދަރެކެވެ.

ރައީސް ސައްދާމަކީ 1991 ވަނަ އަހަރު ފަލަސްތީނުގެ ހައްޤުގައި، އިރާޤުގެ ފަަސްގަނޑުން ބެލެސްޓިކް މިސައިލުންނާއި ސްކަޑް މިސައިލުން އިޒްރޭލަށް ހަމަލާ ދެއްވި ޖެހިލުން ކުޑަ ފަހުލަވާނެވެ. މިހަމަލާތަކުގައި އިޒްރޭލުގެ 4،100 އިމާރާތް ހަލާކުވެ، 74 މީހުން މަރުވިއެވެ. މިއީ މިހާތަނަށްވެސް އަރަބި އެއްވެސް ލީޑަރަކަށް ކުރަން ކެރިވަޑައިގެފައި އޮތް ކަމެއް ނޫނެވެ.

ސައްދާމް ހުސައިންގެ ވެރިކަމުގައި އިރާޤުން 1991 ވަނަ އަހަރު އިޒްރޭލަށް ދިން ސްކަޑް މިސައިލް ހަމަލާ.

ތާރިޚީ ގޮތުންވެސް އިރާޤަކީ ފަލަސްތީނާ ގުޅުން ބޮޑު ޤައުމެކެވެ. ފަލަސްތީނު ބިމުގައި އެމެރިކާ އާއި އިޒްރޭލް އަޑީގައ އޮވެގެން ޒަޔަނިސްޓް އިޒްރޭލް އުފެއްދުމުން އިޒްރޭލާ ދެކޮޅަށް އެންމެ ފުރަތަމަ ހަނގުރާމަ އިއުލާން ކުރި ޤައުމަކީވެސް އިރާޤެވެ. އެއީ 1948 ވަނަ އަހަރުގައެވެ. އެއަށް އިޒްރޭލާ ހަނގުރާމަ ކުރުމަށް އިރާޤުން 1967 އަދި 1973 ގައި ސިފައިން ފޮނުވިއެވެ.

އިޒްރޭލާ ދެކޮޅަށް ފަލަސްތީނުން ފެށި ދެވަނަ އިންތިފާޟާގައި ފަލަސްތީނު ރައްޔިތުންނަށް އެންމެ ބޮޑު އެއްބާރުލުމެއް ދެއްވީ ސައްދާމް ހުސައިނެވެ. މުޖާހިދުންނާއި އާއިލާތަކަށް ފައިސާ ފޮނުއްވެވިއެވެ. ޝަހީދުވި މުޖާހިދުންގެ އާއިލާތައް ބެލެހެއްޓެވުމުގައިވެސް ރައީސް ސައްދާމް ހުސައިންގެ ފަރާތްޕުޅުން މާލީ އެހީތެރިކަން ފޯރުކޮށްދެއްވި ކަމަށް 2006 ވަނަ އަހަރު އަލްޖަޒީރާއަށް ފަލަސްތީނުގެ ބައެއް ރައްޔިތުން ދީފައިވާ އިންޓަވިއުތަކުގައި ބުނެފައިވެއެވެ.

ޒަޔަނިސްޓް ޔަހޫދީންގެ އަތްދަށުން ފަލަސްތީނުގެ މިނިވަން ކުރުމަށްޓަކައި ސްކަޑަ މިސައިލާއި ބެލިސްޓިކް މިސައިލުން 1991 ވަނަ އަހަރު އިޒްރޭލަށް ސައްދާމް ދެއްވި ހަމަލާއަކީ ތާއަދަބަދު ފަލަސްތީނު ރައްޔިތުން ހަނދާން ކުރާނެ ހަމަލާއެކެވެ.

ފަލަސްތީނުގައި ފަލަސްތީނުގެ ރައްޔިތުން ބިނާކޮށްފައިވާ ސައްދާމް ހުސައިނުގެ މޮނިއުމެންޓެއް.

ފަލަސްތީނުގައި ފަލަސްތީނުގެ ރައްޔިތުން ބިނާކޮށްފައިވާ ސައްދާމް ހުސައިނުގެ މޮނިއުމެންޓެއް.އިނގިރޭސިވިލާތުގެ މަޝްހޫރު ލިޔުންތެރިއެއް ކަމަށްވާ ނިގެލް އެޝްޓޮން ހާމަކުރެއްވި ގޮތުގައި 1995 ވަނަ އަހަރު އޭރު އިޒްރޭލުގެ ބޮޑުވަޒީރަކަށް ހުރި ޔިޓިޒަކް ރަބިން، ޖޯޑަންގެ ރަސްގެފާނު ހުސައިން މެދުވެރި ކުރައްވައި ރައީސް ސައްދާމާއި ބައްދަލު ކުރައްވަން ބޭނުންފުޅުވާ ކަމަށް ދެންނެވިއެވެ. އިޒްރޭލުގެ ބޭނުމަކަށް ވެފައި އޮތީ އިރާޤާއެކު ސުލްހަވުމެވެ. އެކަމަކު ރައީސް ސައްދާމް އިސްކުރެއްވީ ފަލަސްތީނު ރައްޔިތުންގެ ޝުޢޫރާއި ވިންދެވެ. އިޒްރޭލަށް ދެއްވީ ފުރަގަހެވެ.

ފަލަސްތީނުގެ ރައްޔިތުންނާއި ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި ޖިހާދު ކުރާ މުޖާހިދުން މިއަދުވެސް އެންމެ ބޮޑަށް ހަނދާންވާ އަރަބި ލީޑަރަކީ ސައްދާމް ހުސައިނެވެ. ފަލަސްތީނުގެ ބިން އެކީ އެއްކޮށް އިޒްރޭލުން ހިސާރުކޮށް، ވަކިން ހާއްސަކޮށް ޣައްޒާގެ ތުއްތު ތުއްތު ކުދިން ޝަހީދުކޮށް މުޅި ޣައްޒާގެ ބިން މުސްލިމުންގެ ލެއިން ކޯރު ހެދުމުން އަންނައިރު އިޒްރޭލުގެ ޢުދުވާންތައް ހުއްޓުވުމަށް ތެދުވާނެ ހިތްވަރު ހުރި ޢަރަބި އިސްލާމީ ވެރިޔަކު ނެތެވެ.

މިއަދު އަރަބި މަޝްހަރަޚުން، ރައީސް ސައްދާމް ހުސައިންފަދަ އިސްލާމީ އުއްމަތުގެ ހައްޤުގައި އަމަލީ ގޮތުން މަސައްކަތްޕުޅު ކުރައްވަން ކެރިވަޑައިގަންނަވާ ލީޑަރަކު ފެންނާކަށް ނެތެވެ. އަދި އިސްލާމީ ޤައުމެއްގެ ވެރިކަމުގެ ތަޚުތުގައި ދުޝްމިނުން ޖެހިލުންވާފަދަ ލީޑަރަކުވެސް ފެންނާކަށް ނެތެވެ.

2006 ވަނަ އަހަރު އެމެރިކާއިން ސައްދާމް ހުސައިން ދަންޖެއްސި ދުވަހު ފަލަސްތީނު ރައްޔިތުން ބުނީ ތެދެކެވެ. ސައްދާމް ހުސައިންގެ ވެރިކަން ވައްޓާލައި އެމަނިކުފާނު ނެތި ކޮށްލީ، ޢަރަބި ދުނިޔޭގައި ހުރި، އިސްލާމް ދީނުގެ ޢަދާވާތްތެރިން ޖެހިލުންވާފަދަ ހަމައެކަނި ލީޑަރީ އެމަނިކުފާނު ކަމުގައިވާތީއެވެ.