ރާއްޖޭގައި ދިވެހީން ފަލަސްތީނުގެ ރައްޔިތުންނާ އެކީގައި ތިބި މިންވަރާއި ފަލަސްތީނަށްޓަކައި ދިވެހީން ހުއްޓުމެއް ނެތި ވަރުގަދަ ކުރަމުންދާ ހަރަކާތްތައް ހާމަވެ އުފުލަމުންދާ އަޑުތައް އިޒްރޭލަށް ފޯރުމުން، އިޒްރޭލުގެ ފަތުރުވެރިން ރާއްޖެއަށް މި ވަގުތު ނުދިއުމަށް އެ ގައުމުގެ ރައްޔިތުންނަށް އިސްރާއީލްގެ ހައްދުފަހަނަ އެޅި ސަރުކާރުން އިލްތިމާސްކޮށްފިއެވެ.
މިކަން އަންގާފައިވަނީ އިޒްރޭލުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނީ ހައްދުފަހަނަ އެޅި އިޒްރޭލާ ދެކޮޅު ޝުއޫރުތައް ރާއްޖޭގައި މި ދުވަސްވަރު އިންތިހާއަށް އިތުރުވެފައިވާތީ، މި ވަގުތު ރާއްޖެއަށް ނުދިއުމަށް އެދޭ ކަމަށެވެ.
އިޒްރޭލުގެ ރައްޔިތުން ރާއްޖެ ނާންނަން އެންގިއިރު އިޒުރޭލުން ދެމުންގެންދާ އިންސާނިއްޔަތުކަމެއް ނެތް ހަމަލަތަކާހެދި އިޒުރޭލް ޔަހޫދީން ރާއްޖެ އެތެރެވިޔަ ނުދިނުމަށް ދިވެހީންގެ ގިނަ ބަޔަކު ވަނީ އަޑުއުފުލާފައެވެ. ދިވެހި ދީނީ އިލްމުވެރިންވެސް އިޒުރޭލުން ރާއްޖެއައުމާ ދެކޮޅަށް އަޑުއުފުއްލަވާފައި ވާއިރު އިޒްރޭލު މީހުން ރާއްޖެ އައުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ގަރާރެއް ވެސް ހުށަހަޅައިފައެވެ.
މިދިޔަ ހުކުރު ދުވަހު ވެސް މުޅި ރާއްޖޭގައި ފަލަސްތީނާއެކު ތިބިކަން ހާމަކޮށް ވަރުގަދަ މުޒާހަރާތަކެއް ކޮށްފައިވާއިރު އަނެއްކާވެސް ބޮޑު އެއްވުމަކަށް ދަނީ ތައްޔާރުވަމުންނެވެ. ދިވެހީންގެ ފަރާތުން ފަލަސްތީނަށް އެހީ ވުމަށް ނަގުދު ފައިސާ ވެސް ވަނީ ޣާޒާގެ މުސްލިމުންނަށް ބަހާފައެވެ. އަމިއްލަ ފަރާތްތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުންނާއި އެކިރަށްރަށުގެ އެކި ފަރާތްތައް އެކުވެގެން އަދިވެސް އެތައް ގޮތަކަށް ފަލަސްތީނު ފަންޑަށް ފަައިސާ އެއްކުރަމުންދާއިރު ކޮންމެ ދިމާއަކަށް އެނބުރުނަސް ދިވެހިންގެ ތެރެއިން ފެންނަނީ އަދި އިވެނީ ފަލަސްތީނަށްޓަކައި އަޑު އުފުލާ މަންޒަރާއި އަޑެވެ.
އަނިޔާވެރި ޔަހޫދީ އިޒްރޭލާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު މިމަހުގެ 7 ވަނަ ދުވަހު ފެށި ހަނގުރާމައިގައި އިޒްރޭލުން ވަނީ ޣާޒާ އިން ފެނާއި ކަރަންޓުގެ ހިދުމަތް ކަނޑައި އެތަކެއް ދަތިކުރުންތަކަކާއެކު ތެލުގެ ބާވަތްތަކާއި ވިޔަފާރި މުދަލާއި ކާޑުގެ ބާވަތްތަކާއި ކާބޯތަކެތި ޣާޒާ އަށް ފޮނުވުން ހުއްޓުވާފައިވެއެވެ. އިޒްރޭލުގެ އެ ފިޔަވަޅާ ގުޅިގެން، ޣާޒާގެ 2.3 މިލިއަން މީހުން ހާލުގައި ޖެހިފައިވާ ކަމަށް، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަޤްވާމީ ޖަމިއްޔާ ޖަމާއަތްތަކުން ވަނީ ބުނެފައެވެ.