ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ސައިޓް އޭގެ ބިން ހިއްކައި ނިންމައި ސައިޓް ބީގެ މަސައްކަތް ފަށައިފިއެވެ.

އާބަންކޯ އިން ބުނީ ސައިޓް އޭގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 10 ހެކްޓަރުގެ ބިން ހިއްކާފައިވާނެ ކަމަށެވެ. އާބަންކޯ އިން ވަނީ ސައިޓް ބީ ހިއްކަން ފެށުމުގެ ކުރިން ސައިޓް ބީގެ ބައެއް ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް އަންނަ އާދިއްތަ ދުވަހުގެ ކުރިން ނެގުމަށް ވެސް އަންގައިފައެވެ.

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މި މަޝްރޫއަކީ މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ތަފާތު ދަތިތަކުން އަރައިގަތުމަށް ހިންގެމުންދާ ތަފާތު ތަރައްގީގެ މަޝްރޫއުތަކުގެ ބައެކެވެ.

އެގޮތުން ހުޅުމާލެ ފޭސް ތިނެއްގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއުއަކީ މާލޭގެ ގިނަ ރައްޔިތުން، އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ގިނަބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވޭތޯ ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެންދާނެ މަޝްރޫއެކެވެ.

ހުޅުމާލެ ފޭސް ތިނެއްގެ މަސައްކަތްތައް އާބަންކޯ އިން ހަވާލު ކޮށްފައި ވަނީ ކެޕިޓަލް މެރީން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓަޑް (ސީއެމްސީ) ކުންފުނިންނެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރަނީ ބޮސްކާލިސް ކުންފުނިންނެވެ.