ޓެރަރިސްޓް އިޒްރޭލުގެ ހުއްދަ އާއެކު، މިސްރާއި ފަލަސްތީނު ގުޅޭ ރަފާ ބޯޑަރު ހުޅުވައި ގާޒާއަށް އެހީގެ ޓްރަކްތައް ވައްދަން ފަށައިފިއެވެ.

ގާޒާއަށް އެއްވެސް އެއްޗެއް އެތެރެކުރުމުގެ ހުއްދަ އޮންނަނީ އިޒްރޭލްގެ ޔަހޫދީންގެ އަތްމަތީގައެވެ. ރަފާ ބޯޑަރު ހުޅުވުމަށް ކުރިން އިޒްރޭލުން ވަނީ ދެކޮޅު ހަދާފައެވެ. ރަފާ ބޯޑަރު ހުޅުވުމަށް އިޒްރޭލު އެއްބަސް ކުރުވޭތޯ ބެއްލެވުމަށް އދ ގެ ސެކްރެޓެރީ ޖެނެރަލް އެންޓޯނިއޯ ގްޓަރޭސް ވެސް މިސްރުގެ ބޯޑަރަށް އިއްޔެ ވަޑައިގެންނެވިއެވެ.

އެއަށްފަހު މިއަދު އެ ޓްރަކްތަށް ވެއްދުމުގެ ހުއްދަ އިޒްރޭލުން ދީފައިވާއިރު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް އިން ބުނީ މިވަގުތަށް ގާޒާއަށް ވެއްދުމުގެ މަސައްކަތް ކުރަމުންދަނީ 20 ޓްރަކްގެ ތަކެތި ކަމަށެވެ.

އޭގެ ތެރޭގައި ބޭހާއި މެޑިކަލް ސަޕްލައިގެ އިތުރުން ކާބޯތަކެތި ހިމެނެއެވެ. 20 ޓްރަކަކީ ކިތަންމެ ކުޑަ މިންވަރަކަށް ވިޔަސް އދ ގެ އިދާރާތަކުން އުއްމީދު ކުރަނީ ކުރިއަށް އޮތް ތަނުގައި އެހީގެ ޓްރަކްތައް އިތުރު ކުރެވިގެން ދާނެ ކަމަށެވެ.

އޮކްޓޯބަރު 7 ގެ ހަމަލާއަށް ފަހު އިޒްރޭލުން ވަނީ ގާޒާއަށް ފޯރުކޮށް ދޭ ފެނައި، ކަރަންޓާއި، ތެލާއި، ކާބޯތަކެއްޗާއި ބޭސް ކަނޑާލާފައެވެ. މިއަދަށް 2 ހަފްތާ ވެގެން ދާއިރު ހުއްޓުމެއް ނެތި ބޮން އަޅާ ދެމުން ގެންދާ ހަމަލާތަކުގައި 4،137 މީހަކު މިހާރު ވަނީ ޝަހީދުވެފައެވެ. ޒަހަމްވި މީހުންގެ އަދަދު ވަނީ 14،000 އިން މައްޗަށް އަރާފައެވެ. ހަނގުރާމަ އަށް 2 ހަފްތާ ވީ އިރު، ހުރިހާ ހިދުމަތެއް ކަނޑާލާފައި ހުރުމުގެ ސަބަބުން މިހާރު ގާޒާގެ ރައްޔިތުން ތިބީ އިންސާނީ ކާރިސާއެއްގައެވެ.