ބޭރުގެ ފުޓްބޯޅަ އިދާރާތަކުން ރާއްޖޭގެ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފޮނުވާ ފައިސާއިން މަނީ ލޯންޑަރިން އާއި ހިޔާނާތަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހިނގާތީ އެކަން ބެލުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އަމުރަށް ދިވެހި ފުލުހުން ދާދި ދެންމެ އެފްއޭއެމް ހެޑް އޮފީހަށް ވަދެއްޖެއެވެ.
މިކަމާ ގުޅިގެން ޕީޖީ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނީ އެފްއޭއެމަށް ލިބޭ ފައިސާއަށް އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން މަނީ ލޯންޑަރިން އާއި ވައްކަމާއި ހިޔާނާތާއި މަކަރާ ހީލަތުގެ ނުވަތަ އެ ނޫން ވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިނގަމުންދާ ނަމަ އެ ކަމެއް ތަހުގީގުކޮށް، އެ މައްސަލައިގައި ދައުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދައުވާކުރަން ފޮނުވުމަށް އަމުރުކޮށްފައިވާނެ ކަމަށެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ދައުލަތުގެ އިދާރާތަކުގެ ނަޒާހާތްތެރިކަމާއި ތެދުވެރިކަން އަބަދުމެ ކަށަވަރުވެފައި އޮތުމަކީ ދިވެހި ދައުލަތާއި ސީދާ ގުޅުން އޮތް ކަމެއް ކަމަށެވެ.
އެފްއޭއެމް އޮފީހަށް ފުލުހުން ވަދެގެން އުޅޭ މައްސަލައާ ގުޅޭ ގޮތުން ފުލުހުން އަދި މިހާތަނަށް ވަކި އެއްޗެއް ނުބުނެއެވެ.
އެފްއޭއެމްގެ ދަރަނި އިންތިހާއަށް އިތުރުވެ ރާއްޖޭގެ ފުޓްބޯޅަ ލީގާއި ކްލަބުތަކުގެ ހާލަތު ދުވަހަކުވެސް ދަށަށް ނުދާހާ މިންވަރަށް ދަނީ ދަށަށް ގޮސްފައެވެ. އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދެވުމާއި ކްލަބުތަކަށް ދޭން ޖެހޭ ފައިސާ ނުލިބުމުގެ ޝަކުވާ ވަނީ އިންތިހާއަށް ގޮސްފައެވެ. އަދި ގައުމީ ޓީމުގެ ހާލަތު ގޯހުން ގޯހަށް ގޮސް ވަރލްޑް ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖަށް ކޮލިފައި ނުވެ ރާއްޖެ ވަނީ ކަޓައިގެން ގޮސްފައެވެ.
އެފްއޭއެމްގެ ހިންގުން ބޮއްސުންލުމާއި ގުޅިގެން ދިވެހި ފުޓްބޯޅައަށް ލޯބިކުރާ އެތައްހާސްބަޔަކު ސޯޝިއަލް މީޑިޔާގައި ގެންދަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިސްތިއުފާއަށް ކޮންމެ ދުވަހަކު ގޮވަމުންނެވެ.