ސަހްޔޫނީ އިޒްރޭލުން ސީރިޔާގެ ވެރިރަށް ދިމިޝްގުގެ އެއަރޕޯޓަށް ބޮން އަޅައިފި ކަމަށް ސީރިޔާއިން ބުނެފިއެވެ.

ސީރިޔާގެ ދައުލަތުގެ މީޑިޔާ "ސަނާ" އިން ބުނީ އިޒްރޭލުން ބޮންއެޅުމުގެ ސަބަބުން ދިމިޝްގުގެ އެއަރޕޯޓުގައި މަސައްކަތް ކުރާ އެކަކު މަރުވެ އަދި އިތުރު މީހަކަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައިވާ ކަމަށެވެ. އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން އެއަރޕޯޓުގެ ރަންވޭއަށް ގެއްލުންލިބި ވަގުތީ ގޮތުން އެއަރޕޯޓުގެ ޚިދުމަތް ހުއްޓިފައިވާ ކަމަށް "ސަނާ" އިން ބުނެއެވެ.

މިއީ އިޒްރޭލުގެ ޖެޓްތަކުން ދިމިޝްގުގެ އެއަރޕޯޓަށް 7 ދުވަސް ތެރޭގައި ހަމަލާދިން ދެވަނަ ފަހަރެވެ.

މަޝްރަހް ދިރާސާ ކުރައްވާ ތަޖުރިބާކާރުން މިހާރު ވިދާޅުވަމުން ގެންދަވަނީ އިޒްރޭލުން ސިރިޔާއަށް ހަމަލާ ދިނުމުގެ މައިގަނޑު ބޭނުމަކީ އިރާނާއި ރަޝިޔާއަށް ޕްރެޝަރު ކުރުމެވެ. ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ އެދުމުގެ މަތިން ރަޝިޔާ ސިފައިންނާއި އިރާނުގެ ސިފައިން ސީރިޔާގައި ތިބެއެވެ.

ބައެއް މުޚައްލިލުން ވިދާޅުވަމުން ގެންދަވާ ގޮތުގައި އެމެރިކާއިން އިޒްރޭލު ލައްވައި މިހާރު ކުރުވަމުން އަންނަ ކަމަކީ ބޮޑު ހަނގުރާމައެއް ފެށުމަށް ކުރަމުން އަންނަ މަސައްކަތްތަކެވެ. ބޭނުމަކީ ދުނިޔޭގައި ވަޅުޖެހުމުން އަންނަ އެމެރިކާގެ ނުފޫޒާއި ބާރު އަލުން ގަދަ ކުރުމެވެ.