ޒަޔަނިސްޓް އިޒްރޭލު ސިފައިން އެއްގަމު މަގުން ޣައްޒާއަށް މިރޭ އަރަން އުޅުނު އުޅުން ހަމާސްގެ މުޖާހިދުންގެ ވަރުގަދަ ހަމަލާތަކުގެ ސަބަބުން ނާކާމިޔާބު ވެއްޖެއެވެ.

ޔަހޫދީ ސިފައިން އެއްގަމު މަގުން އަރަން މަސައްކަތް ކުރީ ޚާން ޔޫނިސް ތެރެއިން ލާފައެވެ. ހަމާސްއިން ޓެލެގްރާމުގައި ހާމަ ކުރި މެސެޖެއްގައި ބުނީ ޚާން ޔޫނިސްގެ ތެރެއިން ޣައްޒާއަށް ވަންނަން މަސައްކަތް ކުރި ޔަހޫދީ ސިފައިންގެ ތެރެއިން އެކަކު މަރާލައި ޓޭންކަރެއް ހަލާކު ކޮށްލައިފައިވާނެ ކަމަށެވެ. އަދި ހަމަލާ ދިން މުޖާހިދުން ސަލާމަތުން އެނބުރި ޕޯސްޓަށް އައިސްފައިވާ ކަމަށެވެ.

އެހެން ހަމަލާއެއްގައި މުޖާހިދުން ވަނީ އިޒްރޭލު ސިފައިން "ޓްރެޕެއްގައި" ޖައްސާފައެވެ. އިޒްރޭލާއި ޣައްޒާ ވަކިކުރަން އިޒްރޭލުން ހަދާފައިވާ ފެންސުން ހަލާކު ކޮށްލާފައިވާ ތަނެއް އިޒްރޭލު ސިފައިން ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މުޖާހިދުން ދިން ކުއްލި ހަމަލާއެއްގެ ސަބަބުން އިޒްރޭލު ސިފައިންނަށް މަޖުބޫރުވީ އެސަރަހައްދު ދޫކޮށް އެނބުރި ދިޔުމަށެވެ. މުޖާހިދުންގެ މިހަމަލާގައި އިޒްރޭލް ސިފައިންގެ އެއްވެސް މީހަކު މަރުވި ކަމުގެ ޚަބަރު އަދި ލިބިފައެއް ނުވެއެވެ.

ހަތިޔާރުގެ ގޮތުން އިޒްރޭލް ކިތައް ކުރިއަރާފައި ވީނަމަވެސް، އެމެރިކާ އާއި އިޒްރޭލުގެ އަސްކަރިއްޔާގެ ތަޖުރިބާކާރުންގެ ނަޒަރުގައި ޣައްޒާގައި އިޒްރޭލަށް އެއްގަމު މަގުން ހަނގުރާމަ ކުރުމަކީ ވޭންދެނިވި، ގެއްލުން ބޮޑު ހަނގުރާމައަކަށް ނޫނީ ނުވާނެއެވެ.

އިޒްރޭލް ސިފައިންނަކީ "ސްޓްރީޓް" ތެރޭގައި ހަނގުރާމަ ކުރަން ފަރިތަ ނޫން، އަދި ކެރުމާއި ހިތްވަރުގެ ގޮތުން ފަލަސްތީނުގެ މުޖާހިދުންނަށް ވުރެ އެތައް ގުނައެއް ދެރަ ބައެއް ކަމަށާއި އެމެރިކާ އާއި އިޒްރޭލުގެ އަސްކަރިއްޔާގެ ކުރީގެ ތަޖުރިބާކާރުން ގެންދަނީ އިޒްރޭލުގެ އެކިއެކި ޓީވީ ޗެނަލްތަކުގައި ހިޔާލު ފާޅު ކުރަމުންނެވެ.

އަދި ހަމާސްއިން ޣައްޒާގެ ތެރޭގައި ބިނާ ކޮށްފައިވާ ބިމު އަޑީގެ ޓަނަލްތަކުގެ މައުލޫމާތު އިޒްރޭލަށް ނޭނގުމަކީވެސް އިޒްރޭލު ސިފައިންނަށް އޮތް ބޮޑު ބިރުވެރި ކަމެއް ކަމަށް ތަޖުރިބާކާރުން ދެކެއެވެ. އެއީ ހަމަލާ ދިނުމަށް ހަމާސްގެ މުޖާހިދުން ކުއްލިއަކަށް ނިކުންނާނީ ކޮންދިމާއަކުންކަން ވަޒަންކޮށްލަންވެސް ނޭނގޭ ކަމަށް ވެއެވެ. އިތުބާރު ހުރި ބައެއް މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި ހަމާސްއިން ވަނީ ޣައްޒާގެ ބިމު އަޑީގައި 315 މޭލަށް ދެމިގެންދާ ގޮތަށް 100 ފޫޓް ފުނުގައި ޓަނަލްތައް ޤާއިމް ކޮށްފައެވެ. މިޓަނަލްތަކުގެ ތެރޭގައި އިންޖީނުގެތަކާއި ފެންލިބޭނެ ގޮތްތަކާއި ހަތިޔާރު ރައްކާ ކުރެވޭނެ ފުރިހަމަ ނިޒާމުތައް ހަމާސްއިން ޤާއިމް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހައްދުފަހަނައެޅި އިޒްރޭލުން 150،000 ސިފައިންނާއެކު ޣައްޒާއަށް އެއްގަމު މަގުން އެރުމަށް މަސައްކަތް މިފެށީ ދެހަފްތާއެއްހައި ދުވަސް ވަންދެން މެދުނުކެނޑި ޣައްޒާއަށް ބޮން (ތަފާސް ހިސާބުން ދައްކާ ގޮތުން 12،000 ބޮން) އަޅައި 4600 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލުމަށްފަހުއެވެ.