ޓެކްސީގެ ޖިދުމަތަށް އަލަށް ނުކުންނަ މީހުންނާ އަދި ޓެކްސީި ހިދުމަތުގައި މަސައްކަތްކުރާ މީހުން އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރި ކުރުވުމަށް ހިންގާ ތަމްރީން ޕްރޮގްރާމާއި ތާޒާކުރުމުގެ މި އަހަރުގެ ހަތަރުވަނަ ޕްރޮގްރާމް ފަށައިފިއެވެ.

މީ މި ސިލްސިލާގެ ދަށުން މިއަހަރު ކުރިއަށް ގެންދާ އެންމެ ފަހު ޕްރޮގްރާމެވެ.

ފުލުހުން ބުނީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަންގެ ފަރާތުން ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާއި، މަގުމަތީގެ އަދަބުތަކުގެ އިތުރުން ޓެކްސީ ގަވާއިދާ ގުޅޭގޮތުން މައުލޫމާތު ދޭނެކަމަށެވެ.

މީގެ އިތުރުން، އެކްސިޑެންޓްތަކާއި މަގުމަތީގައި ދިމާވާ އެކިއެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމާއެކު އެފަދަ ހާލަތުގައި ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތްތަކާ ގުޅޭގޮތުންވެސް މި ޕްރޮގްރާމްގައި މައުލޫމާތުދޭނެކަމަށްވެސް ފުލުުހުން ބުންޏެެވެ.

ޓެކްސީ ޑްރައިވަރުން ތަމްރީން ކުރުމާއި ތާޒާކުރުމުގެ ޕްރޮގްރާމަކީ ކޮންމެ އަހަރަކުވެސް ހަތަރު ބުރަކަށް ބަހާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ޓެކްސީ ޑްރައިވަރުން ޓެކްސީކުރުމުގެ ލައިސަންސަށް އެދޭއިރު ފުރިހަމަ ކުރުމަށް ގަވާއިދުގައި ލާޒިމުކުރާ ތަމްރީނެކެވެ.

22 އޮކްޓޫބަރުން ފެށިގެން ހަފުތާއެއްގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި، ޓެކްސީ ހިދުމަތަށް އަލަށް ގުޅޭ 456 މީހުންނާއި މިހާރުވެސް ޓެކްސީ ހިދުމަތުގައި ތިބި 83 މީހަކު ބައިވެރިވެއެވެ.