އެމްޓީސީސީ، އާރުޓީއެލް ބަސް ޑްރައިވަރުންނާއި ޑްރައިވަރުންގެ އެހީތެރިންނަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ފުލުހުން ބުނީ އޮކްޓޫބަރ 22ން ފެށިގެން ނޮވެމްބަރު 5 އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތުދޭނެކަމަށެވެ.

އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި އުޅަނދު ދުއްވުމުގައި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތުދޭނެކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ ބަސް ދަތުރުގެ ގަވާއިދުތަކާއި، ދަތުރަށް ތައްޔާރުވުމުގެ ގޮތުން ކުރަންވީ ކަންކަމުގެ މައުލޫމާތުގެ އިތުރުން އެކްސިޑެންޓެއް ދިމާވާ ހާލަތުގައި އަމަލުކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކުރާނެކަމަށެވެ.

މި ޕްރޮގްރާމަކީ ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ބަސްދަތުރުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ރައްކާތެރިކަން ގާއިމުކުރުމުގެ ގޮތުންނާއި، ހިދުމަތް ދިނުމުގައި ދިމާވާ ނުރައްކާތެރި ހާދިސާތައް މަދުކުރުމާއި، ޑްރައިވަރުންގެ މަސައްކަތުގެ މާހައުލުގައި ރައްކާތެރި ވެއްޓެއް ގާއިމުކުރުމަށް ރޯޑް ޕޮލިހާއި އެމްޓީސީސީ ގުޅިގެން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.