ބްރޯޑްކާސްޓިންގ ދާއިރާއަށް އިންގިލާބީ އެތައް ބަދަލުތަކެއް ގެނެސްދެއްވައި، ގައުމު މިއަދު މިދެކޭ އެތައް ހިދުމަތެއް ފެށްޓެވުމުގެ މޭސްތިރިއަކީ އަލްމަރުޙޫމް ސަމަރު ބްލޫ އިބްރާހީމް މަނިކުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ފައިސަލް ނަސީމު މިހެން ވިދާޅުވީ އަލްމަރުޙޫމް ސަމަރު ބްލޫ އިބްރާހީމް މަނިކުގެ ހަނދާނުގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ތަޢުބީނުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެ ވާހަކަ ފުޅުގައި ނައިބުރައީސް ފައިސަލް ވަނީ ސަމަރު ބްލޫ އިބްރާހީމް މަނިކު ދިވެހި ގައުމަށް ކޮށްދެއްވި އަގު ނުކުރެވޭ އެކި ހިދުމަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.
ސަމަރު ބްލޫ އިބްރާހީމަކީ ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އެއް ބޭފުޅާކަމަށާއި މީގެ އެތައް އަހަރެއްކުރިން ދިވެހި ގައުމު މިއަދު މިދެކޭ އެތައް ހިދުމަތެއް ފެށްޓެވުމުގެ މޭސްތިރިއެއްގެ ގޮތުގައި ނައިބު ރައީސް ވަނީ އެމަނިކުފާނު ސިފަކުރައްވާފައެވެ.
އެގޮތުން ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް އިންގިލާބީ އެތައް ބަދަލުތަކެއް މަރުހޫމް ސަމަރުބުލޫ އިބްރާހީމް ގެނެސްދެއްވާފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި އެދާއިރާއިން މީހުން ބިނާކުރުމަށް ދެއްވި އަހައްމިއްޔަތުކަން މިއަދު ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއިން ފެންނަމުންދާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ޚިދުމަތްތައް މިއަދު ފާހަގަކުރަމުންދާ މިންވަރަށްވުރެ ބޮޑަށް މިދާއިރާއިން ފެންނަން ހުންނަންޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
"އަބަދުވެސް ފާހަގަކުރެވުނީ އެއީ ކަމަށް ކަމޭ ހިތްތަވާއިގެން ގައުމަށް އަދި ޒުވާނުންނަށް ކޮންމެވެސް ކަމެއް ކޮށްދެއްވަން އުޅުއްވި ބޭފުޅެއްގެ ގޮތުގައި. ޤައުމަށް މިފަދަ މުހިއްމު ޚިދުމަތް ކޮށްދެއްވި ބޭފުޅުންގެ ޒިކުރާ ހަނދާންކޮށް އައު ކުރަންޖެހޭ." ނައިބު ރައީސް ވިދާޅުވިއެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ފަރާތުން އަލްމަރުޙޫމް ސަމަރު ބްލޫ އިބްރާހީމް މަނިކުގެ ހަނދާނުގައި ބޭއްވި ތައުބީނުގެ ޖަލްސާގައި އއ އާއިލާއާއި ސަމަރު ބްލޫ ހިދުމަތް ކުރެއްވި ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޝަން މޯލްޑިވްސް މުވައްޒަފުން ބައިވެރިވެފައެވެ.
އަލްމަރުޙޫމް ސަމަރުބްލޫ އިބްރާހިމް މަނިކުވަނީ 1974 އިން ފެށިގެން 2006 އާއި ހަމައަށް ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އަދި އެ ދާއިރާއަށް ގިނަ ބަޔަކު ނެރެދެއްވާފައެވެ.
ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގައެވެ. އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އިންޑިއާގައެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ 72 އަހަރެވެ.