އިންސާނީ އެހީގެ ތިންވަނަ ގާފިލާ މިސްރުގެ ރަފާ ބޯޑަރު ހުރަސްކޮށް ވަށައިގެން ހިސޯރުކޮށްފައިވާ ގާޒާއަށް މިއަދު އެތެރެވެއްޖެއެވެ.
ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނެފައިވާގޮތުގައި މިއަދު 20 ލޮރީގެ އެހީ ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކާނާއާއި ބޭހާއި ހޮސްޕިޓަލުތަކަށް ބޭނުންވާ ބައެއް ތަކެއްޗެވެ.
އުތުރު ސިނާއީގައި ހުންނަ މިސްރުގެ ރެޑް ކްރެސެންޓްގެ ވެރިޔާ ޚާލިދު ޒައިދު ވިދާޅުވެފައިވަނީ މިސްރާއި އެހެނިހެން ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުން ފޯރުކޮށްދޭ ކާބޯތަކެއްޗާއި ބޭހާއި އެހެނިހެން ސާމާނު ހިފައިގެން ހޯމަ ދުވަހު ސާޅީސް ޓްރަކް ވަންނާނެކަމަށް ޑޮއިޗް ޕްރެސް-އެޖެންޓޫރް (ޑީޕީއޭ) އިން ބުނެފައިވާކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ރަފަހް މެދުވެރިކޮށް އިންސާނީ އެހީ ފޯރުކޮށްދޭން ފެށީ ބޯޑަރުގެ ގާޒާ ފަރާތުގައި ދިން އެހީއާއި ބޮމުގެ ހަމަލާތައް އިންސްޕެކްޓް ކުރުމުގެ އިޖުރާއަތްތަކާ މެދު އުފެދުނު ހަމަނުޖެހުންތަކުގެ ސަބަބުން މިސްރުގައި އެހީގެ ސާމާނުތައް ތާށިވެފައި ވަނިކޮށެވެ.
ރަފާހަކީ އިސްރާއީލުގެ ބޯޑަރު ނެތް ޣައްޒާއަށް ވަދެ ނުކުމެ އުޅޭ މައި ސަރަހައްދެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްގެ ހަނގުރާމަވެރިން ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން އެންކްލޭވް "މުޅިން ވަށާލި" ހިސާބުން ފެށިގެން ރަފާހު ވަނީ އެހީ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގެ ފޯކަސްއަކަށް ވެފަ އެވެ.
އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހުން ފެށިގެން އުތުރު ސިނާއީގެ އަލްއަރީޝް އެއާޕޯޓަށް 27 އެހީދޭ މަތިންދާބޯޓު ޖައްސާފައިވާއިރު، އުރުދުން، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، ރަޝިއާ، ތުރުކީ އަދި ބްރެޒިލްގެ އިތުރުން އދ.ގެ އެޖެންސީތަކުން ވެސް ވަނީ އެހީގެ ސާމާނު އުފުލާފައެ
ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު 34 ޓްރަކް ވަނީ ދަތުރުކޮށްފައެވެ.
އދ.ގެ އިމަޖެންސީ ރިލީފް ކޯޑިނޭޓަރު މާޓިން ގްރިފިތްސް ވިދާޅުވީ އާދީއްތަ ދުވަހު ރަފާ ބޯޑަރު ހުރަސްކޮށް ގާޒާއަށް އެހީގެ ސާމާނު ހިފައިގެން ސަތާރަ ޓްރަކަކަށް ވަދެވުނު ކަމަށާއި، މި ޓްރަކްތަކަށް ވަދެ ސާމާނު ފޯރުކޮށްދެވުމަކީ އުއްމީދުގެ އަލިކަމެއް ކަމަށެވެ.
މިއީ އިޒްރޭލުން މި މަހުގެ ހަތް ވަނަ ދުވަހު ގާޒާއަށް ހަމަލާތައް ދޭން ފެށިފަހުން ގާޒާއަށް ލިބުނު އެހީގެ ތިންވަނަ ގާފިލާއެވެ. ފުރަތަމަ ގާފިލާގައި 20 ލޮރީ، ދެވަނަ ގާފިލާގައި 17 ލޮރީ އަދި މި ގާފިލާގައި 20 ލޮރީއާއެކު އެކު ޖުމްލަ 57 ލޮރީގެ އެހީ މިހާތަނަށް ވަނީ ލިބިފައެވެ.
މިއަދު އެހީގެ އިތުރު ގާފިލާއެއް އެތެރެވި ނަމަވެސް މިއަދުވެސް ތެޔޮ ލިބުނު ކަމަށް ބުނެފައެއް ނުވެއެވެ. ގާޒާގެ ބިމުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމިއްޔާ ޖަމާއަތްތަކުން ބުނާގޮތުގައި މިވަގުތަށް އެންމެ މުހިންމު ވަނީ ތެލެވެ. ތެޔޮ ނެތި ހޮސްޕިޓަލުތައް ހުއްޓިދާނެ ކަމުގެ ބިރު ހީވެފައިވާއިރު ފެން އުފެއްދުމަށާއި އެހީ ބެހުމަށް ވެހިކަލް ތައް އޮޕަރޭޓްކުރުމަށްވެސް ތެޔޮ ބޭނުންވެއެވެ.