ޣައްޒާގައި ވެރިކަން ކުރަމުންް އަންނަ ހަމާސް ޖަމާއަތުން ހިފަހައްޓާފައިވާ 212 އަސީރުންގެ ތެރެއިން އުމުރުން ދުވަސްވީ ޒަޔަނިސްޓް އިޒްރޭލުގެ ދެ އަންހެނުން ރޭ ދޫކޮށްލައިފިއެވެ.

ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފި، އަލް ޤައްސާމް ބްރިގޭޑްސްއާ ހަވާލާދީ ޤަތަރާއި މިސްރުގެ ބައެއް މީޑިޔާތަކުން ބުނީ އެޖަމައާތުން އަސީރުން ދޫކޮށްލީ ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

ހަމާސް ޖަމާއަތުން ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެމެރިކާގެ 2 އަސީރަކުވެސް ދޫކޮށްލާފައެވެ. އެއީ މަންމައަކާއި ފުރާވަރު އުމުރުގެ އަންހެން ކުއްޖެކެވެ. މިފަހަރު ދޫކޮށްލީ އިޒްރޭލުގެ 85 އަހަރުގެ އަންހެނަކާއި 79 އަހަރުގެ އަންހެނެކެވެ.

ޣައްޒާގައި އިޒްރޭލުން ނަސްލު ނައްތާލުމުގެ ބޮޑު ޖަރީމާއެއް ހިންގަމުން އަންނައިރު، ހަމަލާތައް މެދުކަނޑުވާލުމުގައި އދ އާއި އަރަބި ޤައުމުތައް އޮތީ ނުކުޅެދިފައެވެ. ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުން އަންނަ ޖަރީމާގައި މިހާތަނަށް 5000 އަށްވުރެ ގިނަ ރައްޔިތުން ޝަހީދު ކޮށްލާފައިވާއިރު، މީގެ ތެރެއިން %70 އަކީ ކުޑަކުދިންނާއި އަންހެނުން ކަމަށް ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވެއެވެ.