ކާމިޔާބު ވާނީ ޢަމަލީ ގޮތުން އެކަމެއް ކުރަން ކުރިމަތިލާ މީހަކަށެވެ. ގދ. ފަރެސްމާތޮޑާ ފަރެސް އަވަށު މޯނިން ޕެރިސް ޖީޒާ މުޙައްމަދު (ޖީ) އަކީ އޭގެ ނަމޫނާއެކެވެ. ފެހުމާއި ކޭކު އެޅުމަކީ އޭނާގެ މަސައްކަތެވެ. މި ދެ މަސައްކަތުގެ ތެރެއިން ވެސް ފެހުމަށް އޭނާ ޚާއްސަ ސަމާލުކަމެއް ދެއެވެ.

ޖީ ނުފަހާ އެއްޗެއް މަދުވާނެއެވެ. ދިވެހި ސިފައިންނާއި ފުލުހުންގެ ޔުނީފޯމް ފަހައެވެ. ތަފާތު ކޮސްޓިއުމްތައް ފަހައެވެ. ވެޑިން ޑްރެސް ފަހައެވެ. ޕާޓީ ހެދުން ފަހައެވެ. ހަވީރީ ހެދުމާއި އެހެނިހެން ހެދުން ވެސް ފަހައެވެ. ތަފާތު ވައްތަރުގެ ތޮތްޕާއި ކޮސްޓިއުމް ވެސް ފަހައެވެ.

ފެހުމަށް ޝައުގުވެރިވުން

ޖީޒާއަކީ ކުޑައިރުއްސުރެ ފެހުމަށް ލޯބި ކުރާ ކަނބަލެކެވެ. ފެހުމަށް އޭނާ ޝައުގުވެރިވީ އޭނާގެ ޢާއިލާގެ ބައެއް މެމްބަރުން އެމަސައްކަތް ކުރާތީއެވެ. ޚާއްސަކޮށް އޭނާގެ މާމައެވެ. ޖީޒާގެ މާމައަކީ ކަސަބު ގަތައިގެން، ބޯވަޅު އެޅި ލިބާސް ފެހި މީހެކެވެ. އޭނާ މިހާރު ދުނިޔޭގައި ނެތަސް އެ ހަނދާންތައް ޖީޒާގެ ހިތުގައި ވަނީ ބިންވަޅު ނަގާފައެވެ. މާމަ ފަހަން ގެންގުޅޭ ބައެއް އެއްޗެއްސާ ކުޅުނު ހަނދާނެވެ. އެކަން ކުރި މީހަކު ނޭނގިގެން މާމަ ކަންބޮޑުވެގެން އުޅުނު ހަނދާންތަކެވެ. އެހެންނަމަވެސް އެއީ މާޒީއެވެ. ޖީގެ މާމަ އަދަކު ދުނިޔެއަކު ނެތެވެ. ޖީ ގެ ކުޅަދާނަ ހުނަރުވެރިކަން ދެކެން މިއަދު އޭނާ ދުނިޔޭގައި އިންނަމަ ހާދަހާވާ އުފަލެއް ކުރީހެވެ.

ޖީޒާ މުޙައްމަދު

ޖީޒާ އަކީ ސްކޫލު ދައުރުން ފެށިގެން ހެދުން ކުރެހުމަށް ޝައުޤުވެރިކަން ހުންނަ ފެހުންތެރިއެކެވެ. ކުޑައިރު ބައްޕަ ގެނެސްދިން ފިބާ ސެޓު ބޭނުންކޮށްގެން ހެދުންތައް ޑިޒައިން ކުރުމަކީ އޭރު އޭނާ ވަރަށްކުރާ ހިތުން ކުރިކަމެކެވެ. އޭރު މީހާ ފުޅާދާއިރާއެއްގައި ފެހުމުގެ މަސައްކަތް ކުރާނެ ކަމަށް ހިތަށް ވެސް ނާރައެވެ. އޭރު އެފެށުނު ކަމުގެ ތެރެއިން މިހާރު އޭނާ ވަނީ ޕޭޕަރ ޑޯލް ހެދުން ޑިޒައިން ކޮށްފައެވެ. އެއީ އޭނާއަށް ލިބުނު ބޮޑު އުފަލެކެވެ. ކުރިއެރުމެކެވެ. ފަހާ ތަނެއް ހުޅުވައިގެން ފެހުމުގެ މަސައްކަތް ކުރުމަކީ އޭނާ ކުރި އުންމީދެކެވެ. އެ އުންމީދު ވެސް މިހާރު ވަނީ ހާސިލް ވެފައެވެ. ޖީއަކީ ހުވަފެން ބަލާ މީހެއް ނޫނެވެ.

"ހުވަފެނަކީ ހަގީގަތެއް ނޫން. ހުވަފެނަކީ އޭގެ ޒާތުގައި ވެސް ހުވަފެއްނެއް. އެހެންވީމާ ހުވަފެން ބަލައިގެން ދުވަހަކު ވެސް އެކަމެއް ހާސިލެއް ނުވާނެ. އޭގެ ބަދަލުގައި އުންމީދެއް އޮވެގެން ކާމިޔާބުވާނެ ހުރިހާ ދިމާއަކަށް ވިސްނައިގެން ވަރުގަދަ ޢަޒުމެއްގައި މަސައްކަތް ކުރުމުން ކަންކަން ހަގީގަތަކަށްވާނީ. އެހެންނޫނީ ތިބެންޖެހޭނީ ހުވަފެނުގެތެރޭގައި ނިދާފައި،" ޖީ ބުންޏެވެ.

ވިންސީ ޑިޒައިން

ސްކޫލް ނިންމުމަށްފަހު ޖީ ވަޒީފާއަށް ދިޔައީ އެމްޕީއެލް އަށެވެ. އެތަނުގައި ވަޒީފާ އަދާކުރަން ފެށިތާ ފަސް އަހަރުތެރޭ އޭނާ ވަނީ ވިންސީ ޑިޒައިންގެ ނަމުގައި ފަހާތަނެއް ހުޅުވައިފައެވެ. އެފަހުން އޭނާ މަސައްކަތްކުރީ އެތަން ތަރައްގީ ކުރުމަށެވެ. މަޑުމަޑުން އެތަން ތަރައްގީ ކުރަމުން އައިސް އެތަން މިހާރުވަނީ ބޮޑު ތަނަކަށް ވެފައެވެ. އެތަނުގައި 10 މުވައްޒަފުން މިހާރު ވެސް ޖީޒާ ގެންގުޅެއެވެ. އެތަން ތަރައްގީ ވަމުންދިޔަ ވަރަކަށް ޖީ ވެސް ދިޔައީ އޭނާގެ އަމިއްލަ ނަފުސު އެކަމަށް ތަރައްގީ ކުރަމުންނެވެ.

ޖީޒާ މުޙައްމަދު

އެގޮތުން ތަފާތު ކޯސްތައް ހެދިއެވެ. އޭނާ ހެދި އެންމެ ފާހަގަކޮށްލެވޭ އެއް ކޯހަކީ ތައިލެންޑުގެ ބެންކޮކޮގައި ހެދި ފެޝަން ޑިޒައިން އެންޑް ޑްރެސް މޭކިން ކޯހެވެ. އެ ކޯހަށްފަހު އޭނާއަށް އިތުރު އެތައް ކަމެއް ދަސްވިއެވެ.

އެހެން މީހުންނަށް ދަސްކޮށް ދިނުން

އެހެން މީހުންނަށް އެމަސައްކަތް ދަސްކޮށް ދިނުމަކީ ވެސް ޖީ ކުރާ ކަމެކެވެ. އެހެން ކަމުން ވިންސީ ޑިޒައިނުން ގެންދަނީ ތަފާތު އެކި ފެންވަރުގެ ކޯސްތައް ހިންގަމުންނެވެ. އެ ކޯސްތަކަށް ވަރަށްބޮޑު ތަރުޙީބެއް ލިބުންދެއެވެ. އަހަރަކު އެތައް ކުދިން އެތަނުން ފަހަން ދަސްކޮށްގެން އަމަލީ މައިދާނަށް ނުކުމެއެވެ. ޖީ ގެ ފަރާތުން ބަޔަކަށް މަސައްކަތެއް ދަސްކޮށްދެވުމަކީ އޭނާއަށް ލިބޭ ކުޑަ އުފަލެއް ނޫނެނެވެ. "އެހެން ކުދިންނަށް ދަސްކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިސްނިގެން އެންމެ ފުރަތަމަ ވެސް ކޯސްތައް ހިންގަން ފެށީ. ކޯސްތައް ނިމޭއިރު ޔަގީން ކުރަން ކިޔަވައިދިން އެއްޗެއް ބައިވެރިންނަށް ދަސްވެފައިހުރިތޯ،" ޖީ ބުންޏެވެ.

ޖީ ދަސްކޮށްދޭ ކުދިންނަށް އޭނާ ބާރު އަޅާ ކަމެއް އޮވެއެވެ. އެއީ އޯޑަރުތައް ނިންމަން އޮންނަ ދުވަހަށް ނިންމުމެވެ. އެއީ ވިންސީ ޑިޒައިނުން ވެސް އެކަމަށް ވަރަށްބޮޑު އިސްކަމެއް ދޭތީއެވެ. މީހުންގެ އިތުބާރު ދަމަހައްޓަން ބޭނުންވާތީއެވެ. "ހަފުލާ އަކަށް ވިޔަސް އާންމު އެހެން ކަމަކަށް ވިޔަސް

ފަހާ ނިންމަން ޖެހޭ މުއްދަތުގެ އެއް ދުވަސް ކުރިން އެބޭފުޅެއްގެ ހެދުން ނިންމުމަށްފަހު ރައްދުކުރަން. އޮފީހުގައި އުޅުނު އިރު ހޭލާ އިނދެ ހެދުން ނިންމުމަށްފަހު ނުނިދާ ހުރެ އަނެއްދުވަހު އޮފީހަށް އެބަދަން،" ޖީ ބުންޏެވެ.

ކޭކު އެޅުން

ޖީ އަކީ ހަމަ އެކަނި ފެހުމުގެ މަސައްކަތްކުރާ ބޭފުޅެއް ނޫނެނެވެ. އޭނާއަކީ ތަފާތު ވައްތަރުގެ ކޭކު އެޅުއްވުމުގައި ވެސް ހުނަރުވެރިއެކެވެ. ޖީޒާ އަޅާ ކޭކުގެ ރަހަ މީރެވެ. ރީތިވެފައި އޮމާނެވެ. އޭނާގެ ކޭކުގެ ވާހަކަ އެންމެ މަޝްހޫރުވަނީ އާއިލާގެ މީހުންގެ ތެރޭގައެވެ. އެއަށްފަހު އޭނާގެ ރައްޓެހި ރަހުމަތްތެރިންގެ މެދުގައެވެ.

ޖީޒާގެ ޕަވަރލޯ ވެސް އެހާ މަޝްހޫރެވެ. މީރުކަމުންނެވެ. ޕަވަރލޯ ހަދަން ފެށީ ވަރަށްގިނަ ބައެއްގެ އެދުމުގެ މަތީންނެވެ. އޭނާ ވަނީ ޕަވަރލޯ އެމްވީ ގެ ނަމުގައި އިންސްޓަގްރާމް ޕޭޖެއް ވެސް ހިންގަން ފަށައިފައެވެ. ޖީގެ ޕަވަރލޯ އަކީ އަނގަޔަށް ވިރިވިރި ހުންނަ މީރުކަމުގެ އެންމެ މަތީ ދަރަޖައިގެ އެއްޗެކެވެ.

ޖީ ކުރަމުންދާ ދެ މަސައްކަތުގައި ވެސް އޭނާ އިނީ ސާބިތުވެއެވެ. ދިމާވާ ގޮންޖެހުންތަކަށް ކުރިމަތި ލަނީ ކެތްތެރިކަމާ އެކުގައެވެ. ފެހުމުގެ މަސައްކަތުގައި ވިއްސަކަށް އަހަރު ހޭދަވިއިރު ލައްކަ ގޮންޖެހުންތަކެއް ވެސް ހުންނާނެތާއެވެ. މިހިސާބަށް ދަތުރު ކުރުމުގައި އޭނާ އިސްކޮށްފައިވަނީ ކެތްތެރިކަމެވެ. ޖީ ގެ މިދަތުރުގައި އޭނާއަށް ފިރިމީހާއާއާއި ކޮއްކޮގެ އެހީތެރިކަން އިންތިހާއަށް ލިބެއެވެ. އެއީ ޖީގެ މިސައްކަތުގައި ދެމިހުރުމުގެ އެންމެ ބޮޑު ބާރެވެ. ޖީ އެވެ. އަދިވެސް ތިޔަ މަސައްކަތުގައި ދެމި އިންނާށެވެ. މުސްތަގުބަލް އަދިވެސް ފެންނަނީ އުޖާލާކޮށެވެ.