ދުވަސްވަރަކީ މާލޭގެ ސިނަމާތަކުގައި ބޮޑު އިސްކްރީނުން ފިލްމުތައް ދައްކަން ފެށި ދުވަސްވަރެވެ. ފަރީދީ ސިނަމާ (ފަން ސިނަމާ) އަކީ އެންމެ ފުރަތަމަ މާލޭގައި ހުޅުވި ސިނަމާއެވެ. މި ސިނަމާގައި ފުރަތަމަ ދައްކަންފެށީ ހިންދީ ފިލްމާއި އިނގިނާރޭސި ފިލްމެވެ. އޭގެ ފަހުގައި ލިބަރޓީ، ހީނާމާގެ، އޯޑިއޯން ފަދަ ސިނަމާތަކުގައި ހިންދީ ފިލްމު ބަލާލާނެ ފުރުޞަތު ދިވެހިންނަށް ފަހިވެގެން ދިޔައެވެ. އެ ދުވަސްވަރަކީ ސިޓިންރޫމާއި ކޮޓަރިތަކަށް ޓީވީތައް ވަން ޒަމާނެއް ނޫނެވެ.
މި ދުވަސްވަރު މާލޭގައި އަންހެނުންނާއި ފިރިހެނުންނާއި ޒުވާނުންނާއި މުސްކުޅިން ބައި ބަޔަށާއި ޖޯޑު ޖޯޑަށް ވަރުގެ ކޮޅަށް ނަލަހެދިގެން ސިނަމާތަކަށް ދިޔުމުގެ ފޯރި ވަރަށް ގަދަވެގެން ދިޔައެވެ. މި ސްކްރީން ތަކުގައި އަޅުވަފައި ހުންނަ ހިންދީ ފިލްމުތަކުގެ އިޝްތިހާރުތައް ނިކަން ބޮޑުކޮށް އޭރުގެ ނޫހުން ފެންނާނެއެވެ.
އާދަނަކީ މިދުވަސްވަރު ހިންދީ ފިލްމުބެލުމަށް މަރުދިން މީހެކެވެ. ކޮންމެ ސިނަމާއެއްގައިވިޔަސް ހިންދީ ފިލްމެއް އަޅުވާފައިވާނަމަ، އެފުރުޞަތު ނަގާނުލައެވެ. އެހެންކަމުން ސިނަމާތައް ބަލަހައްޓާ މީހުންވެސް އާދަނު ވަރަށް ރަނގަޅަށް ދަނެއެވެ. ފަސްދޮޅަހުގެ ކުރީކޮޅުގެ އަހަރުތައް ގުނަމުންދާ އާދަނު ފިލްމު ބަލަން ދަނީ އެކަޏްޏެވެ. ސިނަމާތަކަށްދާ އެހެން މީހުން ފަދައިން އާދަނުވެސް ޝަޢުގުވެރި ވަނީ ފިލްމު ތަކުގައި ދައްކާ ތަޅާފޮޅުމާއި، ރީތި މަންޒަރުތަކާއި ފަރި ޕަރީތަކެއްފަދަ ޖިންސުއްލަތީފުންނަށެވެ. އޭގައި ކިޔާ އެއްޗަކާއި ހާދިސާއަކަށް މާ ބޮޑު ޝަޢުގުވެރިކަމެއް ނުހުރެއެވެ.
މިގޮތުން ބޮޑު ސްކްރީނެއްގައި ހިންދީ ގަދަ ފިލްމެއް އަޅުވައިފައި އޮތް ޚަބަރު އާދަނަށް ލިބިއްޖެއެވެ. އަވަސް އަވަހަށް ތައްޔާރުވެގެން ފިލްމު ފެށުމުގެ ބައިގަޑިއިރު ކުރިން ސިނަމާއަށް ގޮސް ޓިކެޓް ނަގައިގެން ތަން އޮތްތާ ގޮނޑިއަޅާ ބީދައިން އިށީންނދެއްޖެއެވެ. ދުވަސްވަރަކީ ގޮނޑީ ނަންބަރެއް ޓިކެޓްގައި ނަންބަރެއް ޖަހާ ދުވަސްވަރެއް ނޫންކަމުން ހިތަށް އެރިތަނެއްގައި އިށީންނަންވީއެވެ. އާދަނުވެސް އޭނާއަށް އެންމެ ހިތްގައިމު ގޮނޑީގައި އިށީނދެއްޖެއެވެ. މީ އާންމުގޮތެއްގައި އާދަނު އަބަދުވެސް އިންނަ ހިސާބެވެ. މާ ގިނަ އިރުތަކެއް ނުވެ ސިނަމާވެސް ފުރިއްޖެއެވެ. އިންތިޒާރުގެ ވަޤުތުތައް ނިމުމަކަށް އައީ އެވެ.
ފިލްމު ފަށައިފި އެވެ. ބަޠަލުގެ ކޮންމެ ޙަރަކާތަކަށް ސިނަމާހޯލު އުތުރި އަރައި ގަނެއެވެ. ފިލްމު ދެބަޔަކަށްވުރެ ވެސް ބޮޑުބައި ބެލުމަށް ފަހު އާދަނު ސިނަމާއިން ނުކުމެއްޖެއެވެ. މާޔޫސްވެ ކަރުއެލުވައިލައިގެން ސިނަމާއިން ނުކުމެގެން ދާތަން ދޮރުވާނަށް ވެސް ފެނުނެވެ. ހަމަ، ޖެހިގެން އައި އަނެއް ރޭވެސް ހަމަ އެފިލްމު ބަލަން އާދަނު ސިނަމާއަށް ދިޔައެވެ. އަނެއްކާވެސް ފިލްމު ނުނިމެނީސް ސިނަމާދޫކޮށް ހިނގައްޖެއެވެ. ތިންވަނަ ރޭ އާދަނު ކަރު އެލުވާލައިގެން މާޔޫސްވެ ހުރެ ނުކުނަންތަން ފެނުމުން ސިނަމާ ބަލަހައްޓާ ކުއްޖާ ސުވާލުކުރިއެވެ. އާދަނުބޭއެވެ. ކޮންމެ ރެއަކު ފިލްމު ނުނިމެނީސް ނުކުމެގެން ތިޔަ ދަނީ ކީއްވެ ހެއްޔެވެ؟ އާދަނު ޖަވާބު ދިނެވެ. ކޮންމެ ރެއަކުވެސް އެ ކޯރަށް އެރެން އަންހެން ކުދިންތައް ތައްޔާރުވާން އުޅެލާއިރަށް އެ ދެމެދުން ރޭލެއް ހުރަސް ކުރެއެވެ. އެންމެ ރެއަކުވެސް އެކުދިން ކޯރަށް އެރުމަށް އެ ތައްޔާރުވާ މަންޒަރެއް ނުފެނެއެވެ. ކޮންމެ ރެއަކު މިއަންނަނީ އެއްރޭވެސް އެ ރޭލުގެ ދަތުރު ލަސްވޭތޯއެވެ. އޭރުން އެ މަންޒަރު ފެންނާނެތާއެވެ. ސިނަމާ ބަލަހައްޓަން ހުރި ކުއްޖާ ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. ހެމުންހެމުން އޭނާ ބުންޏެވެ. އާދަނުބޭއެވެ. އާދަނުބޭގެ ހިތުގެ އެދުން މިފަހަރަކު ޙާސިލެއް ނުވާނެއެވެ. އެއީ އެރޭލުގެ ދަތުރުހަމަޖެހިފައިވާ ގަޑިއެވެ. އެއްމެ މިނެޓެއްވެސް ލަހެއް ނުވާނެއެވެ. ރޭލު ދަތުރުކުރާނީ ހަމަ ބަރާބަރު ގަޑިއަށެވެ.