އއ. ރަސްދޫ ބަނދަރުގެ ބޭރުތޮށި ލުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތް ކަމަށް އެމްޓީސީއިން ވިދާޅުވެއްޖެއެވެ.

އެކުންފުނިން ވިދާޅުވީ ގަލުގެ އެންމެ ފަހު ޝިޕްމަންޓް މިމަހު 16 ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 106,552 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބިން ހިއްކުމާއި، 106 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 1,656 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 177 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުން ހިމެނެއެވެ.

އަދި 244 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 43 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި، 20 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާއި، 795 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތެ ހިމެނޭ ކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫއަކީ 80.4 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.