ހަމާސް ޖަމާއަތަކީ އަމިއްލަ ވަޒަނުގެ ދިފާއުގައި ހަނގުރާމަކުރާ މުޖާހިދުންގެ ލަޝްކަރެއް ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.

"ހުޅަނގުން ދެކޭ ގޮތަށް ހަމާސް އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ތުރުކީއިން ދެކޭނެތަ؟ ނޫން. ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއް ނޫން. އެއީ އެމީހުންގެ ބިން ދިފާއުކުރާ މުޖާހިދުންގެ ޖަމާއަތެއް" ތުރުކީ ޕާލަމެންޓުގައި އެމަނިކުފާނުގެ އޭކޭ ޕާޓީގެ ފެކްޝަނުން އިއްޔެ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވިދާޅުވި އެވެ.

"ހުޅަނގުން އިޒްރޭލަށް ދަރަނިވެރިފައި އޮތަސް ތުރުކީއިން އިޒްރޭލަށް ދައްކަން ޖެހޭ ދަރަންޏެއް ނެތް" އިޒްރޭލު ރުއްސުމުގެ ބޭނުމުގައި ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމުގައި ކަނޑައަޅައިގެން ތިބި ހުޅަނގުގެ ޤައުމުތަކަށް އިޝާރާތް ކުރައްވައި އުރުދުޣާން ވިދާޅުވިއެވެ.

އުރުޣާންއަކީ މިހާ ފާޅުކަންބޮޑު ގޮތެއްގައި ހަމާސްއަށް ތާއިދު ކުރެއްވި އިސްލާމީ ފުރަތަމަ ލީޑަރުކަން ފާހަގަ ކޮށްލެވެއެވެ.