ޣައްޒާގައި އަމިއްލަ ގެތަކުން ނެރެލާފައިވާ ރައްޔިތުންގެ މެދުގައި ބަލި ފެތުރެމުންދާ ކަމަށް ޑޮކްޓަރުން ރިޕޯޓްކޮށްފިއެވެ.
ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އިސްރާއީލުގެ ބޮމުގެ ހަމަލާތަކުގެ ސަބަބުން ސިސްޓަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ދަނޑިވަޅެއްގައި 40 މެޑިކަލް ސެންޓަރެއްގެ އޮޕަރޭޝަންތައް މެދުކަނޑާލާފައިވާ ކަމަށެވެ.
އިޒްރޭލުން މިހާތަނަށް ދިން ބޮމުގެ ހަމަލާތަކުގެ ދަށުން 1.4 މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ވަގުތީ ހިޔާތަކަށް ދިޔަ ފަހުން، މިހާރު ހޮސްޕިޓަލުތަކަށް އަންނަ ބަލި މީހުންގެ ކިބައިން އެކިކަހަލަ ބަލީގެ އަލާމާތްތައް ފެންނަމުންދާ ކަމަށް ޣައްޒާގެ ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.
އިޒްރޭލުން އަޅާފައިވާ ލޮކްޑައުންގެ ސަބަބުން ކަރަންޓާއި ސާފު ފެނާއި ތެޔޮ ކެނޑިފައިވާ ފަލަސްތީނުގެ ކުޑަ ކުޑަ އެންކްލޭވްއަށް ސިއްހީ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އެހީދޭ އެޖެންސީތަކުން ތަކުރާރުކޮށް އަންނަނީ ދެމުންނެވެ. މި ދަތި އުނދަގޫ ތަކުލީފު ބޮޑު ދަނޑިވަޅުގައި އދ.ގެ ކާބޯތަކެއްޗާއި ބޭހުގެ ކުދި ގާފިލާތައް ޣާޒާއަށް އެހީ ހިފައިގެން އެތެރެ ވި ކަމުގައި ވިޔަސް މިއީ ކިރިޔާ ފުދޭވަރެއްވެސް ނެތް ކުޑަކުޑަ މިންވަރެކެވެ.
ޚާން ޔޫނުސްގެ ނާސިރު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޑޮކްޓަރެއް ކަމަށްވާ ނަހީދު އަބޫ ތާއިމާ ވިދާޅުވި ގޮތުގައި އާންމުން ތޮއްޖެހިފައިވާ ހިޔާގެ ގޮތުގައި ބޭނުންކުރާ ގިނަ ސްކޫލްތަކަކީ ގިނަ ބަޔަކު ދިރިއުޅެމުން އަންނަ ސްކޫލަކަށް ވާތީ، މި ތަނުގައި ބަލި ފެތުރުން އިންތިހާއަށް ބޮޑެވެ.
ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ބުނަނީ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ކުއްލި ހަމަލާއަށްފަހު އިޒްރޭލުން ދިން ވައިގެ ހަމަލާތަކާއި އާޓިލަރީ ހަމަލާތަކުގައި ގާތްގަނޑަކަށް 5،800 މީހުން މަރުވެފައިވާ ކަމަށެވެ.
އިސްރާއީލުން 45 ކިލޯމީޓަރު (28 މޭލު) ދިގު ޣައްޒާގެ އުތުރު ބައިގައި ދިރިއުޅޭ އެންމެންނަށް ދެކުނުން ދިއުމަށް އަންގާފައިވީ ނަމަވެސް، އެ ހަމަލާތަކުގެ ސަބަބުން މުޅި އެންކްލޭވްގެ ޑިސްޓްރިކްޓްތައް ވަނީ ފުނޑުފުނޑުވެފަ އެވެ.
ހުރިހާ ހޮސްޕިޓަލެއްގައި ވެސް ޖަނަރޭޓަރުތަކަށް ކަރަންޓު ދިނުމަށް ބޭނުންވާ ތެޔޮ ހުސްވެ، އަލަށް އުފަންވާ ކުދިންނަށް ބޭނުންވާ އިންކިއުބޭޓަރު ފަދަ ކްރިޓިކަލް އިކުއިޕްމަންޓްތައް ހުއްޓިދާނެ ކަމުގެ އިންޒާރު ޑޮކްޓަރުން ވަނީ ދީފަ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ޣައްޒާގެ ތިންބައިކުޅަ އެއްބައި ހޮސްޕިޓަލްތައް އޮޕަރޭޓް ނުކުރާ ކަމުގެ އިންޒާރު ދީފައެވެ. ޑަބްލިއުއެޗްއޯގެ ރީޖަނަލް އިމަޖެންސީގެ ވެރިޔާ ރިކް ބްރެނަން ވިދާޅުވި ގޮތުގައި ދެމެހެއްޓެނިވި ގޮތެއްގައި، ފުޅާކޮށް، ހިމާޔަތްކޮށްފައިވާ އިންސާނީ އޮޕަރޭޝަނަށް އެދި ހުދު އޭނާވެސް ދަނީ ކަކޫމައްޗަށް ތިރިވެ ދެފައިގައި ހިފާ އާދޭސްވެސް ދަންނަވަމުންނެވެ.
"ހޮސްޕިޓަލަށް ތެޔޮ ނުލިބިއްޖެ ނަމަ މިއީ ޣައްޒާގެ އުތުރުގައި ތިބި ބަލި މީހުންނަށް މަރުގެ އަދަބަކަށް ވާނެ،" ހޮސްޕިޓަލްގެ ޑިރެކްޓަރު އަތޭފް އަލް ކަހްލޫތު ވިދާޅުވި އެވެ.
އުތުރު ޣައްޒާގެ އެންމެ ބޮޑު އިންޑޮނޭޝިޔާ ހޮސްޕިޓަލުން އަންގާރަ ދުވަހު ބުނީ އައިސީޔޫ ފަދަ އެންމެ ފަހުގެ މުހިންމު ޑިޕާޓްމަންޓްތައް ފިޔަވައި އެހެން ހުރިހާ ކަމެއް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.
ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ޣައްޒާގެ އުތުރުގައި އަދިވެސް ބަލި މީހުންނަށް ހިދުމަތް ދެމުން އައި ހަމައެކަނި ހޮސްޕިޓަލް ކަމަށްވާ ބެއިޓް ހަނޫން ހޮސްޕިޓަލުގެ އޮޕަރޭޝަންތައް ހުއްޓާލީ އެ އަވަށަށް ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން ކަމަށެވެ.