ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވިނަމަވެސް ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ ޖަލްސާ އޮތީ އަދި ކުރިއަށްދާ ގޮތަށް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ހާމަކޮށްފިއެވެ.
ނަޝީދު މަޖިލީހުގެ ރައީސް ކަމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައިވާ ޖަލްސާ ތާވަލުކޮށްފައި ވަނީ އަންނަ އާދީއްތަ ދުވަހު ބާއްވާ ގޮތަށެވެ. މަޖިލީހުގެ އިދާރާ އިން ވަނީ އެ ޖަލްސާގެ އެޖެންޑާ މިއަދު އާންމުކޮށްފައެވެ. އެޖެންޑާގައި އޮތީ ވެސް ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ އެކަންޏެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ އެ ޖަލްސާ ބޭއްވޭނެ ކަމާ މެދު ބައެއް މަސްދަރުތަކުގައި ވަނީ ސުވާލު އުފައްދައިފައެވެ. އީވާ އާލާސްކަންފުޅާ އުޅުއްވާތީ އެންމެ ފަހުން ބޭއްވި މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަންސް އިން މައުލޫމާތު ދޭ ގޮތުގައި، ޖަލްސާ ނުބޭއްވޭނެ ކަމަށް ވިދާޅުވެ އީވާ ވަކި އެއްޗެއް ނާންގަވައެވެ. އެހެންކަމުން ޖަލްސާ އޮތީ އެޖެންޑާކުރެވިފައިވާ ގޮތަށް ކުރިއަށް ދާ ގޮތަށް ކަމަށް މަޖިލިސް ކޮމިއުނިކޭޝަންސް އިން ވަނީ ހާމަކޮށްފައެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސެވެ. އެ ގަވައިދުގެ 205 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގައި އެހެން މައްސަލައެއް ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށްފަހުގައެވެ.