ފަލަސްތީނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮނަރަރީ ކޮންސުލްގެ މަގާމަށް އަލަށް އައްޔަން ކުރެއްވި އަލްފާޟިލް ރާގެބް އަހްމަދު ޚަލަފަށް ރާއްޖެއިން މިއަދު މަރުހަބާ ކިޔައިފިއެވެ.

އިއްޔެ ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި އަލްފާޟިލް ޚަލަފަށް ތަހުނިޔާ ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ދިވެހި ސަރުކާރާއި ރާއްޖޭގެ ރައްޔިތުން ފަލަސްތީނަށް އެހީތެރިވެދިނުމުގައި ދެމިތިބޭނެ ކަމަށާއި، ދެ ގައުމުގެ ގުޅުން ބަދަހިކުރަން މަސައްކަތް ކުރާނެކަމަށެވެ.

ރާއްޖެއާއި ފަލަސްތީނާއި ދެމެދު ގުޅުން ގާއިމް ކުރީ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގެ ކުރިންނެވެ. އެހެންނަމަވެސް މިގުޅުން އެންމެ ބޮޑަށް ބަދަހިވެގެން ދިޔައީ ރައީސް މައުމޫނުގެ ވެރިކަމުގަ އެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ރާއްޖެއާއި ފަލަސްތީން ގުޅިގެން ވިޔަފާރިތައް ވެސް ކުރި އެވެ.

އިޒްރޭލުގެ އަނިޔާވެރިކަމުން ފަލަސްތީނުގެ ކުށެއް ނެތް އެތައް އާއްމުންނެއް މަރަމުންދާއިރު ދިވެހި ސަރުކާރާއި ރައްޔިތުން ގެންދަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.